ކުރީގެ ރައީސުންވެސް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކުރެއްވީ ރަނގަޅު ނަތީޖާތަކެއް ނިކުންނާނެކަން އިނގޭތީ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް(ޕީއެންސީ) ގެ ނައިބުރައީސް އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝިޔާމު ވިދާޅުވީ ކުރީގެ ރައީސުންވެސް ދެ އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރެއްވި ނަމަވެސް މިހާރު ސިޔާސީ ސަބަބުތަކަށްޓަކައި ކުރިން މިކަމުގައި ދެއްކެވި ވާހަކަތައް ބަދަލުކުރައްވައި މިހާރު އެ ބަދަލު ގެނައުމާ ދެކޮޅު ހައްދަވަމުންދާ ކަމަަށް އޭނާ ވިދާޅުވިއެވެ.
އިތުރަށް ޝިޔާމް ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމުން ރައްޔިތުންނަށް ގިނަގުނަ ރަނގަޅު ކަންކަން ހާސިލުކުރެވޭނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ހިޔާލު ހޯއްދެވުމަށް ކަމަށް ކަމަށާއި، ކުރިން ގާނޫނުއަސާސީ އޮތީ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ރައްޔިތުންގެ ބަހެއް ހޯދުމަކާ ނުލައި މުޅި ގާނޫނުއަސާސީ ބަދަލުކުރުމަށް މަގުފަހިކުރެވިދާނެ ގޮތަށްކަން ޝިޔާމު ފާހަގަކުރެއްވިއެވެ.
ޝިޔާމު އިޝާރާތްކުރެއްވީ ގާނޫނުއަސާސީގައި ރައްޔިތުންގެ ބަަހެއް ހޯދައިގެން ނޫނީ ބަދަލުނުގެނެވޭނެ މާއްދާތައް ބަޔާންކޮށްފައި އޮތް މާއްދާ އޮތީ ރައްޔިތުންގެ ބަހަކާ ނުލައި ބަދަލުކުރެވޭ ގޮތަށް ކަމަށެވެ. ނަމަވެސް މި ސަރުކާރުން ވެރިކަންކުރާ ޕީއެންސީގެ އަގުލަބިއްޔަތު ބޭނުންކޮށްގެން އެ މާއްދާއަށް ބަދަލެއް ގެންނަނަމަ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުން ލާޒިމުކުރިއެވެ.
އެކަމަށް އިޝާރާތްކުރައްވައި ޝިޔާމު ވިދާޅުވީ ގާނޫނުއަސާސީގައި ހުރި މާއްދާތަކުގެ ތެރެއިން ރައްޔިތުންގެ ހިޔާލު ހޯދަންޖެހޭ ކަންކަމުގައި އެ ހިޔާލު ހޯދުން ލާޒިމުވާ ގޮތަށް އެ މާއްދާތައް ހިމާޔަތްވާނެހެން ގާނޫނުއަސާސީ ބަދަލުކުރެއްވީ ރައީސްގެ ވިސްނުންފުޅަށް ސަރުކާރުން މަޖިލީހަށް ހުށަހަޅައިގެން ކަމަަށެވެ.
އެހެންކަމުން ކޮންގްރެސް ޕާޓީން ބޭނުންވަނީ ގާނޫނުއަސާސީ އިސްލާހުކޮށް ރިޔާސީ އިންތިހާބާއި މަޖިިލިސް އިންތިހާބު އެއް ދުވަހެއްގަައި ބޭއްވުމަށް ނިންމާ ނިންމުމާމެދު ރައްޔިތުންގެ ބަހެއް ހޯދުމަށް ކަމަަށާއި، ނަމަވެސް އެ ބަދަލު ގެނައުމުން ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ލިބޭނެ ކަމުގައި ޝިޔާމު ވިދާޅުވިއެވެ.
ތަފާސްހިސާބުތަކުން ރިޔާސީ އިންތިހާބުގައި ވޯޓުލާން ނިކުންނަ މީހުންގެ ނިސްބަތާ އަޅާބަލާއިރު މަޖިލީހުގެ އިންތިހާބުގައި ވޯޓުލާން ނިކުންނަ މީހުންގެ އަދަދު މަދުވާ ކަން ފާހަގަކުރައްވާ ޝިޔާމު ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުކުރުމުގައި ރައްޔިތުން ބައިވެރިވާ މިންވަރު އިތުރުވެ، ޑިމޮކްރަސީ ހަރުދަނާވެގެންދާނެ ކަމަށެވެ.
އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ނުވަތަ ދައުލަތުން ކުރާ ހަރަދުތައް ކުޑަވުމުގެ އިތުރަށް ކެމްޕެއިންތަކާ ގުޅިގެން އާއްމުން ކުރަމުންދާ ހަރަދުތައްވެސް ކުޑަވާނެ ކަމަަށް ޝިޔާމު ވިދާޅުވިއެވެ. އެގޮތުން އެންމެ ފަހުން ބޭއްވި 2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި 368 ކެންޑިޑޭޓުން ވާދަކުރެއްވިއިރު، ކެމްޕެއިނުގައި އެވެރެޖުކޮށް ކޮންމެ ކެންޑިޑޭޓަކު 3 މިލިއަން ރުފިޔަ ހަރަދުކުރިނަމަ އެއީ 1.1 ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއްކަން ފާހަގަކުރައްވަމުން ޝިޔާމު ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގަައި ބޭއްވުމުން މިފަދަ ހަރަދުތައްވެސް ކުޑަވެގެންދާނެ ކަމަަށެވެ.
ޝިޔާމު ވިދާޅުވީ އިންތިހާބުތަކުގެ ވަށްބުރަށް ނިމުމެއް ނައިސް ދިގުލައިގެންދިއުމުގެ ސަބަބުން އިޖުތިމާއީ ހަމަޖެހުމަށް ބޮޑެތި ލޮޅުންތައް އައިސް، ދޭދޭ ފަރުދުންނާއި އާއިލާތަކުގެ މެދުގައި އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރު ކުރަމުންދާކަން ފާހަގަކުރެއްވޭކަމަށާއި، އެފަދަ ކަންކަންވެސް އިންތިހާބުތައް އެއް ދުވަހެއްގަައި ބޭއްވުމުން ވަރަށް ބޮޑަށް ހައްލުކުރެވިގެންދާނެ ކަމަށެވެ.