މެދުއިރުމަތީގައި އީރާނާއި އިސްރާއިލާއި އެމެރިކާއިން ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކުން ސަލާމަތްވެ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަޒީރުންގެ ޚާއްސަ ކޮމިޓީއެއް އުފައްދަވައިފިއެވެ.
ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ކޮމިޓީއަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހިރާއްޖޭގެ އިގްތިޞާދަށާއި، ރައްޔިތުންގެ ދިރިއުޅުމަށް އަތުވެދާނެ ނޭދެވޭ އަސަރުތައް ދެނެގަންނަ ކޮމިޓީއެއް ކަމަށެވެ. އަދި އެކަންކަމަށް ދުރާލައި ތައްޔާރުވުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ކޮމިޓީއެއް ކަމަށެވެ.
މި ކޮމިޓީގެ މުގައްރިރެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލެވެ. މި ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވާ ވަޒީރުންނަކީ:
1. ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް (ކޮމިޓީގެ ޗެއަރ)
2. ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫން
3. ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު
4. އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު
5. ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން
6. ހޯމް މިނިސްޓަރ ޢަލީ އިޙްސާން
7. ޓޫރިޒަމް މިނިސްޓަރ ޠާރިޤު އިބްރާހީމް
8. ހަޔަޜއެޑިއުކޭޝަން މިނިސްޓަރ ޑރ. ޢަލީ ހައިދަރު
9. އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ހީނާ އިތުރަށް ވިދާޅުވީ، މެދުއިރުމަތީގެ މަސްލަހަތަށް އަންނަ ބަދަލުތަކާ ގުޅިގެން ރައްޔިތުންނަށް އެނގެންޖެހޭ އެންމެހާ މައުލޫމާތުތަކާއި، ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތަފްސީލު ކަމާގުޅޭ ވުޒާރާތަކުން މެދުނުކެނޑި ހިއްސާކުރަމުންދާނެ ކަމަށެވެ.
ހަނގުރާމައާ ގުޅިގެން އެންމެ ބޮޑަށް އަސަރުކުރާނެކަމަށް ބެލެވެނީ ރާއްޖޭގެ ފަތުރުވެރިކަމަށެވެ. މިއަދުގެ މެދުއިރުމަތިން ރާއްޖެ އަށް އަންނަން އޮތް ހުރިހާ ފްލައިޓްތަކެއް ވަނީ ކެންސަލްވެފައެވެ. ހަމަލާތަކާއި ގުޅިގެން ދުބާއީ އާއި ޝަރްޖާ އާއި ބަހްރެއިން، އަބޫދާބީ އާއި ދޯހާއަށް ކުރާ ހުރިހާ ދަތުރެއް ވަނީ ހުއްޓިފަ އެވެ .ރާއްޖެ އަށް ޔޫރަޕުންނާއި އެހެން ސަރަހައްދުތަކުން އަންނަ ޓޫރިސްޓުން އެންމެ ގިނައިން ޓްރާންސިޓްވާ މަންޒިލަކީ ދުބާއީ އާއި ދޯހާ އެވެ. އެހެންކަމުން ވައިގެ ސަރަހައްދު ބަންދުވުމާ ގުޅިގެން ރާއްޖެ އަށް ޓޫރިސްޓުން ވެސް އެ ސަރަހައްދުތަކުން އެއްކޮށް ހުއްޓޭނެއެވެ.