އާއިލާގެ ވީޑިއޯއެއް ނަގައި މީސްމީޑިއާއަށް ލުމަކީ، އެމްޑީޕީގެ އިސް ދެ ވެރިޔަކު ހިންގި ދަށު ދަރަޖައިގެ އަމަލެއް ކަމަށް ދާހިލީ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިހްސާން ވަނީ، ވަޒީރުގެ އާއިލާގެ ވީޑިއޯއެއް މަގުމަތިން ހުއްދަ ނުހޯދާ ނެގި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެގޮތުން އިއްޔެ ހަވީރުގެ ވަގުތެއްގައި ނެގި މި ވީޑިއޯ ވަނީ، ކާކުކަން ނޭނގޭ އެކައުންޓަކުން މީސްމީޑިއާގައި ޕޯސްޓުކޮށްފައިކަމަށާއި، ވީޑިއޯ ނަގާފައިވަނީ ދާހިލީ ވަޒީރުގެ އަނބިކަނބަލުންނާއި، އުމުރުން 10 އަހަރުގެ ދަރިފުޅު މަގުމަތިން ދަނިކޮށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އިހްސާން މިކަމުގެ ކަންބޮޑުންވުން ފާޅުކުރައްވާ ވިދާޅުވީ، މި ވީޑިއޯ ނަގާފައިވަނީ އެމްޑީޕީގެ އިސް ދެ ފަރާތް ކަމަށްވާ، ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދާއި، ކުރީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރު އަދި މިހާރު އެޕާޓީގެ މަތި އުތުރު ޕްރޮވިންސްގެ ރައީސް އަކްރަމް ކަމާލުއްދީން ކަމަށެވެ.
ވަޒީރު ވަނީ، އެ ވީޑިއޯ ނަގަން ތިބި މަންޒަރުގެ ސީސީޓީވީ ވީޑިއޯއެއްވެސް ހިއްސާ ކުރައްވާފައެވެ.
އެމްޑީޕީއަކީ، ކުޑަކުދިންގެ ހައްގުތަކާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރާ ކަމަށް އަބަދުވެސް ވަކާލާތު ކުރާ ޕާޓީއެއް ނަމަވެސް، އެޕާޓީން ކުރަމުން ދަނީ މިފަދަ ދަށު ދަރަޖައިގެ އަމަލުތައް ކަމަށާއި، މިފަދަ ދަށު ދަރަޖައިގެ އަމަލުތަކަކީ، އެމްޑީޕީން އަބަދުވެސް ދައްކުވައިދޭ އަމަލުތައް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެމްޑީޕީގެ އިސް ދޭ ފަރާތެއް ދާހިލީ ވަޒީރުގެ އާއިލާގެ ވީޑިއޯއެއް ހުއްދަ ނުހޯދާ ނަގައި މީސްމީޑިއާއަށް ލާފައިވާއިރު، މީގެ ކުރިންވެސް އެޕާޓީގެ ސިޔާސީ ހަރަކާތެއްގައި ސިޔާސީ ފަރާތްތަކުން އާއިލާތަކަށް ބަސްތައް ރައްދުކޮށްފައިވެއެވެ.
މީގެ އެންމެ ފާހަގަކޮށްލެވޭ އެއް މައްސަލައަކީ، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނަށް ނިސްބަތްކޮށް އެޕާޓީގެ އެކްޓިވިސްޓަކު އެޕާޓީގެ އެއްވުމެއްގައި ދެއްކި ވާހަކަތަކެވެ. މިމައްސަލައިގެ ޒިންމާ އެޕާޓީގެ އޭރުގެ ޗެއާޕާސަން އަދި އެ ވާހަކަ ދެއްކި އެކްޓިވިސްޓް ނަގަން ޖެހޭނެ ކަމަށާއި، އެކަމުގެ ބަދަލު ހޯދުމުގެ ހައްގު ރައީސްގެ އާއިލާއަށް ލިބިގެންވާ ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.