މަގުމަތީގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހިފަންޖެހޭ އާދައެއް ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިމަހުގެ 24 ވަނަ ދުވަހު ބްރިޖް ސަރަހައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވުމާގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެ އެކްސިޑެންޓުގައި، އުމުރުން 16 އަހަރުގެ ކިޔަވާ ކުއްޖަކު ނިޔާވި ހަބަރު އަޑުއެހީ ފުންހިތާމައާއެކު ކަމަށެވެ.
ރައީސްގެ މެސެޖުގައި، މަރްހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވައި، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާކުރައްވާފައިވެއެވެ. އަދި މި ހާދިސާގައި އަނިޔާވި ފަރާތަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވެއެވެ.
ރައީސް ވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަށް، މުޅި މުޖްތަމައުގެ އެއްބާރުލުމަށް އެދިވަޑައިގެން، ކޮންމެ ރައްޔިތަކުމެ ފަރުދީ އަދި އާއިލީ ޒިންމާ ފަރުވާތެރިކަމާއެކު އަދާކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ކޮންމެ ރައްޔިތަކުވެސް ފަރުދީ އަދި އާއިލީ ޒިންމާ ފަރުވާތެރިކަމާއެކު އަދާކުރުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ނުރައްކާތެރި އެކްސިޑެންޓް ހިނގާފައިވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު 1:30 ހާއިރުއެވެ. ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލްނުވެ ޕޭމަންޓް މައްޗަށް އަރައި ހިނގި މި ހާދިސާގައި، ސައިކަލު ދުއްވަން އިން 19 އަހަރުގެ ފިރިހެން މީހާއަށާއި ފަހަތުގައި އިން 16 އަހަރުގެ ކުއްޖާއަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދެވުނެވެ. މީގެ ތެރެއިން 16 އަހަރުގެ ކުއްޖާ ނިޔާވީ ފަރުވާ ދެމުން ދަނިކޮށެވެ.
މި ހާދިސާގައި ސައިކަލު ދުއްވަން އިން މީހާއަކީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް އެ މުއައްސަސާއިން މައުލޫމާތު ދެއެވެ.