ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕްގެ ދަށުން ހުޅުމާލެ 3 ވަނަ ފިޔަވަހީގައި 1000 ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދުމަށް އިޢުލާނުކޮށްފިއެވެ.

މި ޕްރޮޖެކްޓަށް ހުޅުވާލާފަވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާގޮތަށެވެ. ހައުސިންގ މިނިސްޓްރީން ބުނީ، މިއީ އެކި ފަންތިއަށް އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރުގެދަށުން ކުރިއަށް ގެންދިއުމަށް ނިންމާފަވާ މަޝްރޫޢުއެއްކަމަށެވެ.

ހުޅުމާލެ 3 ވަނަ ފިޔަވަހީގައި ތަރައްޤީކުރާ 1000 ހައުސިންގ ޔުނިޓްގެ މި މަޝްރޫޢު ކުރިއަށް ގެންދާނީ "އެފޯޑަބަލް ހޯމް އޯނަޝިޕް" މޮޑެލްއަށެވެ. މިއީ ބޯހިޔާވަހިކަމުގެ މިންގަނޑުތަކުގެ ތެރެއިން، އެންމެ އަސާސީ މިންގަނޑަށްވުރެ މަތިން ކުރިއަށްގެންދާ ކެޓަގަރީއެކެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން މި ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ހުޅުވާލާފަވަނީ %100 ދިވެހި ހިއްސާ އޮންނަ ކުންފުނިތަކަށެވެ. އެ މިނިސްޓްރީން ބުނީ ދިވެހި ކުންފުނިތަކަށް މި ފުރުޞަތު ހުޅުވާލުމުގެ ބޭނުމަކީ ތަރައްޤީގެ މަސައްކަތްތަކުގައި ދިވެހި ކުންފުނިތަކަށް ޙިއްސާ އިތުރުކޮށް، ކުރިއެރުމަށް ފުރުޞަތު ހޯދައިދިނުންކަމަށެވެ.

މިކަމަށް އެދި ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލާފަވަނީ މާރިޗު މަހުގެ 23 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށެވެ.