އައިޖީއެމްއެޗުގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ އޭނާގެ ފިރިމީހާ މާވިން ވާގަސް ޖަލުގައި ހުރެ އިސްލާމްވެފައިވާކަން އިސްލާމިކް މިނިސްޓްރީން ކްރިމިނަލް ކޯޓަށް އަންގައިފި އެވެ.

އޮކްޓޫބަރު، 2021 މޭރީ މަރާލި މައްސަލާގައި މާވިންގެ މައްޗަށް، އެނގިހުރެ މީހަކު މެރުމުގެ ދައުވާ ކޮށްފައިވާއިރު މާވިންއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ހަލީމަތު ލަމްހާގެ މައްޗަށް އެކަމުގައި ބައިވެރިވުމުގެ ދައުވާ ދައުލަތުން ވަނީ ކޮށްފައެވެ.

އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ މިހާރު ބައްލަވާ ގާޒީ މުޒައްމިލު ނާސިރު ވިދާޅުވީ ޖަލު ބަންދުގައި ހުރި މާވިންއާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. ގާޒީ ވިދާޅުވި ގޮތުގައި އެ ސިޓީގައި އޮތީ މާވިން އިސްލާމްދީން ގަބޫލުކޮށް، އޭނާގެ ނަން ޔޫސުފްގެ ނަމަށް ބަދަލުކޮށްފައިވާކަމެވެ. އެހެންކަމުން އޭގެފަހުން މާވިންއާ ގާޒީ މުހާތަބު ކުރެއްވީ ވެސް ޔޫސުފްގެ ނަމުންނެވެ.

މާވިން އިސްލާމްވެފައިވާތީ އެކަމާ މެދު ދައުލަތުން ދެކޭ ގޮތް ސާފުކުރަން އޭނާގެ ވަކީލް ދައުލަތާ ސުވާލު ކުރެއްވި އެވެ.

ދައުލަތުގެ ވަކީލް އަހުމަދު ނައުފަލް ވިދާޅުވީ އެކަމާ މެދު މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމާނެ ކަމަށެވެ. އަދި އާންމުކޮށް ދައުލަތުން މީހުންނާ މުހާތަބު ކުރަނީ ޕާސްޕޯޓް ފަދަ ރަސްމީ ލިޔުމުގައި އޮންނަ ނަމުން ކަމަށް ވިދާޅުވި އެވެ. މާވިން އިސްލާމްވެފައިވާތީ އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ، އަދަބަށް ބަދަލު އަންނާނެތޯ މަޝްވަރާ ކުރުމަށްފަހު ދައުލަތުން އެކަން ހާމަކުރާނެ ކަމަށް ވަކީލް ނައުފަލް ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމަކީ ހުލާސާ ބަޔާން އިއްވަން ބޭއްވި އަޑުއެހުމެކެވެ. ނަމަވެސް، ބައެއް ލިޔުންތައް ނުލިބޭތީ ދިފާއުއަށް އެކަމަށް ތައްޔާރު ނުވެވޭ ކަމަށް ބުނެ އިތުރު ވަގުތަށް ވަނީ އެދިފަ އެވެ. ގާޒީ ވަނީ ހުލާސާ ބަޔާނަށް ތައްޔާރުވާން މިހާރު ވެސް އެކަށީގެންވާ ވަގުތު ދެވިއްޖެ ކަމަށް ވިދާޅުވެ، އެހެން ނަމަވެސް، އިތުރު ފުރުސަތު ދޭން ނިންމައިފަ އެވެ. އަދި އަންނަ މަހަށް ހުލާސާ ބަޔާން އިއްވަން އަޑުއެހުމެއް ތާވަލުކޮށްފައިވެއެވެ.