އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން އަމަލު ކުރަމުންދާ ގޮތާ މެދު ކަންބޮޑުވާ ކަމަށް އެމްޑީޕީގެ ކެމްޕެއިން ތަރުޖަމާން އަބްދުالله ވަހީދު ވިދާޅުވެއްޖެއެވެ.

ވަހީދު މިފަދައިން ވިދާޅުވީ، އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ވަހީދު ވިދާޅުވީ، މިހާރު އޮތްގޮތުން ރާއްޖެއިން ބޭރު ގައުމުތަކުގައި ވޯޓުފޮށި ބަހައްޓާނީ އެ ގައުމަކަށް ވޯޓުލުމަށް މަދުވެގެން 2,000 މީހުން ރަޖިސްޓަރީކޮށް، މަދުވެގެން ކޮންމެވެސް އެއް ދާއިރާއަކުން 40 މީހުން ރަޖިސްޓަރީވެފައިވާނަމައެވެ.

ވަހީދު ވިދާޅުވީ، ބޭރު ގައުމުތަކުގައި ވޯޓުފޮށި ނުބައްހައްޓަން ނިންމުމަކީ އެމްޑީޕީން ނިހާޔަތަށް ކަންބޮޑުވާ ނިންމުމެއް ކަމަށާއި، 400 އެހާ މީހުން ދިރިއުޅޭ ރަށްރަށުގައި ވޯޓުފޮށި ބެހެއްޓޭއިރު، ހާހުން ދިވެހިން އުޅޭ މެލޭޝިއާ އަދި ލަންކާ ފަދަ ތަންތަނުގައި ވޯޓުފޮށި ނުބެހެއްޓެންވީ ސަބަބެއް ނެތްކަމަށެވެ.

އެތަންތަނުގައި ވޯޓު ފޮށިތައް ނުބެހެއްޓުމުގައި ގިނަގުނަ ސަބަބުތަކެއް ހުރިކަން ފާހަގަ ކުރައްވައި ވަހީދު ވިދާޅުވީ، އެކަން އެގޮތަށް ކުރަންނިންމާފައިވަނީ ސަރުކާރަށް އިންތިހާއަށް ފައިދާ ވާނެ ގޮތަށް ކަމަށާއި، މިއަދުވެސް ރާއްޖެއިން ބޭރުގައި މަތީ ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންނަށް ސަރުކާރުން ދޭންޖެހޭ އެލަވަންސްތައް ނުދެވޭ ކަމަށެވެ. އެހެން ކަމުން އެފަރާތްތަކުގެ ވޯޓު ސަރުކާރަށް ނުލިބޭނެކަން ޔަގީންވާތީވެ އިލެކްޝަން ކޮމިޝަން ބޭނުންކޮށް އެތަންތަނުގައި ވޯޓު ފޮށި ބެހެއްޓުން އެއީ ނެތް ކަމެއް ގޮތުގައި ސަރުކާރުން ހެދީ ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ.

" އިލެކްޝަނުގެ މި އިންތިހާބަށް ތައްޔާރުވާން ފެށުނު ހިސާބުން ފެށިގެން އަޅުގަނޑުމެން މިދަނީ ކަންބޮޑުވުން ފާޅު ކުރަމުން އިލެކްޝަނުގެ އަމަލުތަކާމެދު، ސަރުކާރުގެ ނުފޫޒަށް އިލެކްޝަނުން ތަބާވެގެން މި އިންތިހާބަށް ތައްޔާރު ވުމަށް ބޭއްވި އިންތިޒާމީ ހުރިހާ ކަމަކުންވެސް އަޅުގަނޑަށް ފާހަގަ ވެގެން މިދަނީ މި އިންތިހާބުގައި ވޯޓުލެވެން ތިބި ފަރާތް ތަކަށް ވޯޓު ނުލެވޭހެން މުޅި ޕްރޮސެސް އެއްކޮށް ގެންދާތަން"

އެމްޑީޕީގެ ކެމްޕެއިން ތަރުޖަމާން އަބްދުالله ވަހީދު

އިތުރަށް ވަހީދު ވިދާޅުވީ ގިނަ އަދަދަކަށް ދިވެހިން އުޅެމުންދާ އެ ގައުމުތަކުގައި ވޯޓު ފޮށި ބެހެއްޓުމަށްޓަކައި އެހާ ބޮޑު އަދަދެއްގެ ރަޖިސްޓްރޭޝަނެއް އޮންނަން ޖެހޭނެ ކަމަށް އެމްޑީޕީން ގަބޫލުނުކުރާ ކަމަށެވެ.

ވަހީދު ވަނީ، ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެގެން އަންނައިރު، ސަރުކާރުން މުއައްޒަފުންނަށް ބިރުދައްކައި ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާކަމަށް ތުހުމަތު ކުރައްވާފައެވެ.