ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުންނާ ގާތުން ހިދުމަތްތައް ދިނުމަށް ސަރުކާރުން ކުރާ މަސައްކަތް ދުވަހުން ދުވަހަށް ހަރުދަނާކޮށް، ހުއްޓުމެއްނެތި ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.
ރައީސް ވަނީ ލާމަރުކަޒީ ދުވަހުގެ ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަދި މި ހިދުމަތުގެ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ހުރިހާ ހީވާގި ޚިދުމަތްތެރީންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު އަރިސްކުރައްވާފައެވެ.
ރައީސް ވިދާޅުވީ، މޯލްޑިވްސް 2.0 ގެ އަމާޒުތައް ހާސިލްވެ ޑިޖިޓަލް ދިވެހިރާއްޖެއެއްގެ ފަސޭހަތައް ހޯދެމުންދިޔަ ވަރަކަށް ރަށްތަކުގައިތިބެ، ހިދުމަތްތައް ހޯދައި އާމްދަނީގެ މަގުތައް ފަހިކުރުމުގެ ފުރުސަތު ދިވެހި ރައްޔިތުންނަށް އިތުރަށް ތަނަވަސްވަމުން ދާނެކަމަށެވެ.
ރައީސް ވިދާލުވީ، ޖިއޮގްރަފީ ގޮތުން ބަލާއިރު، ރާއްޖެ އުފެދިފައިވަނީ ވަކިވަކި ރަށްތަކެއްގެ މައްޗަށްކަމަށް ވުމާއެކު، އެންމެ އިހު ޒަމާނުއްސުރެވެސް ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ދައުލަތުގެ ފަރާތުން ފޯރުކޮށްދެއްވާފައިވަނީ ލާމަރުކަޒު ކުރެވިގެން ކަމަށާއި، ވޭތުވެ ދިޔަ ޒަމާންތަކުގެ ކަންހިނގާފައިވާ ގޮތައް ކަމަށެވެ. އެހެން ކަމުން އިހުގެ ރަސްމީ ލިޔުންތަކަށް ބަލާއިރު އެކަން ފެންނާންއޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މިހާރު އަމަލުކުރެވެމުންދާ ގަނޫނުއަސާސީއާއެކު ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ފުރުސަތު އިތުރަށް ފަހިވެފައިވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
މި ވޭތުވި 2 އަހަރުދުވަހު ލާމަރުމަޒީ ހިދުމަތްތައް ފުޅާކުރުމަށް އިތުރުބާރުތަކާއި، ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވައި ރައީސް ވިދާޅުވީ، ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގުތައް އިތުރަށް ފަހިކޮށްދިނުމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ހައްގު މަގާމާއި ހައިސިއްޔަތު ހޯދައިދިނުމާއި، ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުން ފަދަ، ލާމަރުކަޒީ ގާނޫނު ވުޖޫދުވީއްސުރެ ކައުންސިލުތަކުން އިންތިޒާރުކުރަމުން އައި އެތައް ކަމެއް މިއަދު ވަނީ ހަގީގަތަކަށް ވެފައި ކަމަށެވެ.
މީގެއިތުރުން މި ސަރުކާރުން ވަނީ ކައުންސިލްތަކަށް ވަސީލަތްތައް ފަހި، ޒަމާނީ އައު އިމާރާތްތައް ބިނާކޮށްދިނުމުގައި އިސްނަގައިފައިކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރަށްތަކުގައި ކުޅިވަރުކުޅޭނެ ވަސީލަތްތަކާއި ޕާކުތައް ގާއިމުކުރުމުގައި އެންމެ ބޮޑު ކާމިޔާބު އިރާދަކުރެއްވިއްޔާ ސަރުކާރުން ހޯއްދަވާނެ ކަމަށާއި ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތް ފުރިހަމަކުރައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މަގުހެދުން، ބަނދަރުހެދުން ފަދަ އުމްރާނީ އެންމެ ގިނަ މަޝްރޫއު އެއްފަހަރާ މުޅި ރާއްޖޭގައި ހިނގަމުން ގޮސްފައިވަނީވެސް މި ވޭތުވި 2 އަހަރުގެ ތެރޭގައިކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ރާއްޖޭގެ ގައުމީ ތަރައްގީގެ މައި ތަސައްވުރު އެކުލަވައިލުމަށް ހުރިހާ ރަށަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހިޔާލު ސަރުކާރުން ހޯއްދަވާފައިވާނޭ ކަމަށެވެ.
މީގެއިތުރުން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވުމާއި މަސްތުވާތަކެތީގެ ވިޔަފާރިއާއި ގޭންގު ކުށްތައް ފަދަ ރައްޔިތުން ކަންބޮޑުވާ ކަންކަމުގައި ހުރިހާ ރަށެއްގައި އެކަންކަމަށް ދާއިމީ ހައްލު ހޯދުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.