ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްދީސީ)ގެ ޗެއާޕާސަން ކަމުގެ މަގާމުގައި ހުންނެވި ނަޝްވާ އަބްދުﷲ އެ މަގާމުން މިއަދު ވަކިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނީ، އެފްޑީސީގެ ޗެއާޕާސަންކަމުގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން ނަޝްވާ ޢަބްދުﷲ މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް ނަޝްވާ އެ މަގާމުން ވަކިކުރި ވަކި ސަބަބެއް ހާމައެއް ނުކުރެއެވެ.

އެފްޑީސީގެ ޗެއާޕާސަންކަމުގެ މަގާމަށް ނަޝްވާ އައްޔަންކުރައްވާފައިވަނީ 8 ޖަނަވަރީ 2024 ގައެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގައި 6 ބޭފުޅުން ތިއްބަވައެވެ. އެއީ ޗެއަރޕާސަންއާއި މެނޭޖިން ޑިރެކްޓަރާއި 4 ނޮން-އެގްޒެކްޓިވް ޑިރެކްޓަރުންނެވެ.

އެފްޑީސީއަކީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި 2019 ވަނަ އަހަރުގެ ފެބްރުއަރީ 11 ވަނަ ދުވަހު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އުފައްދާފައިވާ ކޯޕަރޭޝަނެކެވެ.