ލީޑަރުން ޝަހީދުކުރުމަކީ ފަލަސްތީނުގެ މައިކަށި ބިންދާލެވޭނެ ސަބަބެއް ނޫން ކަމަށް ފަލަސްޠީނުގައި އިސްލާމިކް ޖިހާދު މޫވްމަންޓްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު އަލް ހިންދީ ވިދާޅުވެއްޖެއެވެ.

އަލް ހިންދީ މިހެން ވިދާޅުވީ އަލްޖަޒީރާ އަށް ދެއްވި ބަސްދީގަތުމެއްގައެވެ.

އެ ބަސްދީގަތުމުގައި ވާހަކަދައްކަވަމުން އަލް ހިންދީ ވަނީ ޣައްޒާގެ ހާލަތު ރަނގަޅުކުރުމަށް އެމެރިކާ އިސްވެއޮވެ ދާދިފަހުން އެކުލަވާލެވުނު ސުލްހައިގެ ބޯޑަކީ ނުވަތަ މަޖިލީހަކީ ސްޓޭޖް ޝޯއެއް ނޫން ދެވަނަ އެއްޗެއް ނޫންކަމަށް ވިދާޅުވެފައެވެ.

އަލް ހިންދީ ވިދާޅުވީ އެ މަޖިލީހުން އެދޭގޮތަށް ޖިހާދީ ހަރަކާތުގެ އަތުން ހަތިޔާރުތައް އަތުލުމަކީ ޚިޔާލީ ހުވަފެނެއް ކަމަށާއި ހަގީގީ މައިދާނުގައި ވަމުންދާ ކަންތަކާ އެ މަޖުލީހުގެ ވިސްނުމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

އަދި ސުލްޙައިގެ މަޖިލީހާއެކު ބޭއްވުނު ބައްދަލުވުމުގެ ސަބަބުން އެއްވެސް ކަމެއް ބަދަލެއް ނުވާ ކަމަށް އަލް ހިންދީ ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ އިޒްރޭލުން ފަލަސްތީނު މީހުންގެ ޙައްޤުތަކަށް އަރައިގަނެ ހިންގަމުން ގެންދާ ޖަރީމާތަކަށް އެއްވެސް މިންވަރެއްގެ ބަދަލެއް އައިސްދާނެކަމަށްވެސް ގަބޫލު ނުކުރެއްވޭ ކަމަށް އަލް ހިންދީ ވިދާޅުވިއެވެ.

އަލްހިންދީ ވިދާޅުވީ އެ މަޖްލިސްގެ ވިސްނުން ވަރަށް ސާފުކޮށް ބައްޓަންކޮށްފައި ވަނީ އެމެރިކާއަށް ޣައްޒާގެ ފުރިހަމަ ކޮންޓްރޯލް އޮތުމާއެކު ފަލަސްތީނު ރައްޔިތުންގެ ހުރިހާ ހައްގުތަކެއް ނިގުޅައިގަނެ، އިޒްރޭލަށް ފުރިހަމަ ސަލާމަތާއި ރައްކާތެރިކަން ހޯދައި ދިނުމަށް ކަމަށެވެ.

އަދި އެ ސުލްހައިގެ ބޯޑު އެކުލަވާލާފައި ވަނީ ޣައްޒާގެ މުސްތަގްބަލާމެދު އެއްޗެއް ބުނުމުގެ ޖާގަ ފަލަސްތީނު މީހުންނަށް ގެއްލުވާލުމުގެ މައްޗަށް ކަމަށްވެސް ހިންދީ ވިދާޅުވިއެވެ.

މި ފްރޭމްވޯކުގައި ފަލަސްތީނު މީހުންގެ ބައިވެރިވުމަށް އެއްވެސް ޖާގައެއް ދީފައި ނުވާ ކަމަށާއި އެ މީހުންނަށް އޮތް ހަމައެކަނި ދައުރަކީ ޣައްޒާގެ ލޯކަލް މުނިސިޕަލްޓީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށް ދިނުމުގައި އަދާކުރަންޖެހޭ ދައުރު އަދާކޮށްދިނުން އެކަނި ކަމަށް އަލް ހިންދީ ވިދާޅުވިއެވެ.

އެގޮތުން އެކަންވެސް ރާވާފައިވަނީ ފަލަސްތީނު ރައްޔިތުންގެ ސިޔާސީ ބާރުވެރިކަމެއް ނުހިމެނޭގޮތަށް ހަމައެކަނި ފަންނީ މީހުންގެ ކޮމިޓީތަކެއް އެކުލަވާލައިގެން އެކޮމެޓީތަކުގެ ލަފަޔާ މަޝްވަރާގެ މަތިން ކަންކަން ހިންގުމަށްކަމުގައި އަލް ހިންދީ ވިދާޅުވިއެވެ.

އެ ބަސްދީގަތުމުގައި އަލްހިންދީ ކަށަވަރުކޮށްދެއްވާފައި ވަނީ، ސުލްހައިގެ މަޖިލީހުން ހުށަހެޅި ރައުޔު ބައްޓަންކޮށްފައިވަނީ އިޒްރޭލުން ހުށަހެޅި ހުރިހާކަމެއް ފަލަސްތީނުގެ ރައްޔިތުން ބަލައިގަތުން ނޫންގޮތެއް ނެތްކަމުގެ ވިސްނުމުގެ މައްޗަށް ކަމަށެވެ.

މިގޮތުން ޣައްޒާ އަލުން ބިނާކުރާއިރު ފަލަސްތީނު ހަނގުރާމަވެރިންގެ އަތުގައި ހުރި ހުރިހާ ހަތިޔާރުތަކެއް ދުޝްމަނުންނާ ޙަވާލުކުރުން ހިމެނެއެވެ.

މީގެ ތެރޭގައި ޣައްޒާގެ ބިމުން އިޒްރޭލުން ފޭބުމެއް ނުވަތަ ދެފަރާތުގެ ދެމެދުގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވިފަހުން އެއްބަސްވުމާ ޚިލާފަށް އިޒްރޭލުން ހިންގި އެއްވެސް ޖަރީމާއެއްގެ ތަހުގީގު ހިންމުގެއް ނުހިމެނޭ ކަމަށްވެސް އަލް ހިންދީ ވިދާޅުވިއެވެ.

ހަމައެގޮތަށް ޣައްޒާއަށް އެހީއެއް ފޯރުކޮށްދެވޭނެ ބޯޑަރުތައް ބަންދުކުރުމުގެ މައްސަލައާއި އެހީތެރިކަމުގެ ގާފިލާތަކަށް މަގު ހުޅުވައި ދިނުމާއި ޓެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްވެސް ވާހަކައެއް ނެތް ކަމަށްވެސް އަލް ހިންދީ ވިދާޅުވިއެވެ.

އިޒްރޭލުގެ ޖަރީމާތަކާ ދެކޮޅަށް އިސްލާމިކް ޖިހާދު މޫވްމަންޓުން ކުރާ ހަނގުރާމައިގައި އިޒްރޭލުން ޝަހީދުކޮށްލާފައިވާ އަލްޤުދުސް ބްރިގޭޑްސްގެ ލީޑަރުންނާމެދު އަލްހިންދީ ވިދާޅުވީ "ލީޑަރުން ޝަހީދުކުރުމަކީ ފަލަސްތީނުގެ މައިކަށި ބިންދާލެވޭނެ ސަބަބެއް ނޫން" ކަމުގައެވެ.

އިޒްރޭލުގެ ޖަރީމާތަކާ ދެކޮޅަށް ފަލަސްތީނުގެ މުޖާހިދުން ހަރަކާތްތެރިވާތާ ގަރުނަކަށްވުރެ ގިނަދުވަސްވެފައިވާއިރު، އެއްބަޔަކު ޝަހީދުކޮށްލާއިރު އަނެއްބަޔަކު އެއަށްވުރެ ވަރުގަދަ އަޒުމުގައި ނުކުންނަ ކަމުގައި އަލް ހިންދީ ވިދާޅުވިއެވެ.

އެއް ތަރިއެއްގެ ފިޔަޖެހުން ނިވޭ ހިނދު އެއަށްވުރެ އަލިގަދަ ތަރިއެއް އުދަރެހުން ދައްކާލާނެކަމުގައި އަލް ހިންދީ ވިދާޅުވިއެވެ.

ހަމައެއާއެކު ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ހުއްޓުމެއް ނެތި ކުރަމުން ދިޔަ ހަނގުރާމައިގެ ސަބަބުން އަސްކަރީގޮތުން ލިބިފައިވާ ގެއްލުން ބޮޑުކަމަށާއި، ނަމަވެސް ފަލަސްތީނު މީހުންގެ ހުރި އަޒުމުގެ ވަރުގަދަކަމާއި، އަމިއްލަ ބިން އަނިޔާވެރިން ފޭރިގަތުމަށް ދޫކޮށް ނުލުމުގެ ރޫހަކީ މި ހަނގުރާމައިގައި އޮތް އެންމެ ބާރުގަދަ ހަތިޔާރުކަމަށްވެސް އަލް ހިންދީ ވަނީ ސިފަކުރައްވާފައެވެ.

ތޫފާނުލް އަގްސާގެ ފަހުން ޖިހާދު މޫވްމަންޓްގެ އަސްކަރީ ބާރުގެ ބޮޑުބައެއް ނައްތާލެވިފައިވާކަމަށް ދެކެވޭ ވާހަކައަށް ރައްދު ދެއްވައި އަލްހިންދީ ވިދާޅުވެފައި ވަނީ ތާރީޚީގޮތުން މި އަޅާކިޔުން ބަލާއިރު ފަލަސްތީނު ރައްޔިތުން އިންތިފާލާގެ ނަމުގައި 1987 ގައި ޖިހާދު ކުރަންފެށީ ހަމައެކަނި އޮއްގާ އުކައިގެން ކަމުގައެވެ.

ނަމަވެސް މިނިވަން ވުމުގެ މި ހަނގުރާމަ ދަމަހައްޓަމުން ގެންދާކަމަށާއި މިހާރު ހަނގުރާމަ ކުރަނީ ހަމައެކަނި އިޒްރޭލަކާ ނޫންކަމަށާއި، މުޅި ހުޅަނގުގެ ބާރުތަކާއެކު އެމެރިކާ އިސްވެ އޮވެ ހަތިޔާރާއި ސިޔާސީ ބާރުވެރިކަމާ ދެކޮޅަށް ކަމުގައި އަލް ހިންދީ ވިދާޅުވިއެވެ.

އަލްހިންދީ ވިދާޅުވި ގޮތުގައި އިސްލާމިކް ޖިހާދު މޫވްމަންޓް އެއްވެސް އިރެއްގައި އެމެރިކާ ބުނާއެއްޗަކަށް ބަރޯސާ ނުވާކަމަށާއި، މިހާރުހުރި ރައީސް ޑޮނަލްޑް ޓްރަމްޕް ވިޔަސް އަދި އޭގެ ކުރިން ވެރިކަމުގައި ހުރި ޖޯ ބައިޑަންގެ ވެރިކަމުގައި ވެސް އެކަން އޮތީ އެގޮތަށް ކަމުގައެވެ.

މީގެ އިތުރުން އަލްހިންދީ ވިދާޅުވެފައިވަނީ، އިސްލާމިކް މޫވްމަންޓްގެ ގޮފިތަކުން ދުޝްމަނުންނާ އެކު ބައެއް ކަންކަމަށް އެއްބަސްވެ އިޖާބަދީފައި ވަނީ ކުށެއްނެތް ރައްޔިތުން ކަތިލަމުންދާ މިންވަރު މަދުކުރެވޭތޯ ކަމަށެވެ.

އެއްވެސް ހާލެއްގައި އެމެރިކާގެ ފަރާތުން މީޑިއޭޓްކުރާ މަންދޫބަށް އިތުބާރުކުރާތީ ނޫންކަމަށާއި ދެފަރާތުގެ ގައިދީން ބަދަލުކުރުމާއި، ހަނގުރާމަ މެދު ކަނޑާލުމުގެ ވާހަކަ ފިޔަވައި އެއްވެސް ވާހަކައެއް ދެއްކުމަށް ފަލަސްތީނުގެ ފަރާތުން ތެދުވާނީ މުޅި ރައްޔިތުންގެ ބައިވެރިވުން ތަމްސީލުކުރެވޭ ގޮތެއްގައި ފަލަސްތީނު މައްސަލައެއް ހައްލެއް ލިބޭނެ ގޮތަށް ކަމަށް އަލް ހިންދީ ވިދާޅުވިއެވެ.