ދެ އިންތިހާބު އެއްކޮށްލަނީ 2028 ގެ ރިޔާސީ އިންތިހާބު ދިފާއުކުރަން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވީ ސަރުކާރަށް ރައްޔިތުންގެ އިތުބާރު ގެއްލުނު ސަބަބުތަކާއި ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ މި ސަރުކާރަށް އިތުބާރުގެ މައްސަލަ ދިމާވީ އެންމެ ފުރަތަމަވެސް އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ފެތުރި ގޯސް މައުލޫމާތުތަކެއްގެ ސަބަބުން ކަމަށާއި ބަޔަކަށް އެ ވާހަކަތައް ގަބޫލުވެސް ކުރެވުނީ ކަމަށެވެ.
ހާއްސަކޮށް އިންޑިއާ ސިފައިންގެ ވާހަކަވެސް ދެކެވުނު ކަމަށާއި އިންޑިއާއަށް މުޅި ގައުމު ޑިޕެންޑް ވެފައިވާ ކަމުގެ ވާހަކައާއި ކަނޑެއް ގެއްލުވާލި ކަމުގެ ވާހަކަވެސް ދެކެވުނު ކަމަށް ފައިސަލް ވި ދާޅުވިއެވެ. ނަމަވެސް ފައިސަލް ވިދާޅުވީ ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައި މިހާރުވެސް އެންމެ އެކުގައި އޮތީ އިންޑިއާ ކަމަށާއި މި ސަރުކާރުވެސް އެންމެ ބޮޑަށް އެ ބައެއްގެ މައްޗަށް ބަރޯސާވެފައި އޮތީ އިންޑިއާގެ މައްޗަށް ކަމަށެވެ.
ފައިސަލް ވިދާޅުވީ އެއީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ދެކެވުނު ވާހަކަ ކަމަށާއި އޭރު ރަނގަޅު ނޫން ކަމަށް ދެކެވުނު ހުރިހާ ވާހަކަތައް މިހާރު ރަނގަޅު ކަމަށާއި އެއްވެސް މައްސަލައެއް ސަރުކާރަށް ނެތް ކަމަށެވެ.
އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ދެ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށްވެސް އަލިއަޅުއްވާލާފައެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ރައްޔިތުންގެ މަޖިލިސް އިންތިހާބު ބާއްވާކަމުގައި ވަނީނަމަ ރިޔާސީ އިންތިޚާބާއި ތަންކޮޅެއް ދުރުގައި ބާއްވަންވީ.މިހާރު ގާތްގަނޑަކަށް ހަތް ވަރަކަށް މަސް ލިބެނީ.އެޔަށްވުރެވެސް ދުރަށް ޖައްްސާލަން. މީގައި އަޅުގަނޑުމެން ވިސްނަންވީ އެއިރަކު ވެރިކަން ކުރާ ފަރާތައް ނޫނީ ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ފައިދާއަކަށް ނޫން" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ އެކަމުގައި ވިސްނަންވީ ރައްޔިތުންނަށް ފައިދާ ހުރި ގޮތަކަށް ކަމަށެވެ.
މީގެ އިތުރުން ފައިސަލް ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލަނީ ހަރަދުކުޑަކުރަން ނޫން ކަމަށާއި ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ކުރުމަށް ކަމަށެވެ.
މިގޮތުން ދެ އިންތިހާބު އެއްކޮށްލަނީ 2028 ގެ ރިޔާސީ އިންތިހާބު ދިފާއުކުރަން ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.