ސައިރަން އަޅަމުން ދިޔަ އެމްބިއުލާންސަކަށް ޖާގަނުދީ މަގު ބްލޮކްކޮށްގެން މުދާ ބޭލި މައްސަލައެއް ތަހުގީގުކޮށް އެ މައްސަލައިގައި ހިމެނޭ ޕިކަޕް ޑްރައިވަރު ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓައިފިއެވެ.

ސޯޝަލް މީޑިއާގައި މިއަދު ދައުރުވި ވީޑިއޯއަކުން ފެންނަ ގޮތުގައި އެއްކޮޅަށް ދުއްވާ މަގެއްގައި ސައިރަން އަޅަމުންދިޔަ އެމްބިއުލާންސެއް އޮއްވައި، އޭގެ ކުރީގައި ކުޑަ ޕިކަޕެއް، މަގު ބްލޮކްވާހެން އޮތެވެ. އަދި އެވަގުތު ޕިކަޕުން މުދާ ހުސްކުރާ މަންޒަރު ފެނެއެވެ. އޭރު އެ ޕިކަޕުގެ ފަހަތުގައިވާ ބޮޑެތި އުޅަނދުތައް ބަރުގޮނު އަޅާއަޑު އިވެއެވެ.

ނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ މަގު ބްލޮކްކޮށްފައި އޮތް ޕިކަޕުން މުދާ ބާލާ މަންޒަރު ފެނެއެވެ.

އެ މައްސަލަ ފެންމަތިވުމާއެކު ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ އެކަމުގައި ފިޔަވަޅު އަޅަން ޖެހޭ ނަމަ އެކަން ކުރާނެ ކަމަށެވެ.

އެކަމާއި ގުޅިގެން ފުލުހުން ބުނީ އެ ޕިކަޕް ދުއްވަން އިން ޑްރައިވަރު ފުލުސް އޮފީހަށް ހާޒިރުކޮށް އެ މައްސަލައިގައި 750 ރުފިޔާއިން އޭނާ ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓާފައިވާކަމަށެވެ.