މާލޭގެ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށް ގެންދާ "ޕްރޮޖެކްޓް ފޯ ޑިޒާސްޓާ ރެސިލިއަންސް އެންޑް އެންހޭންސްމަންޓް އިން މާލެ އައިލެންޑް" ގެ މަސައްކަތް ޖަޕާނުގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މިކަން ހާމަކޮށްފައި ވަނީ ހައުސިން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ހައުސިން މިނިސްޓްރީން ބުނީ ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓް ފޮރ ޑިޒާސްޓަރ ރެޒިލިއެންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް (ކޮންސްޓްރަކްޝަން ފޭސް) – ޕެކޭޖްދޭއްގެ އެއްބަސްވުމުގައި ޓެކް އިންޓަރނޭޝަނަލް އިންކޯޕަރޭޝަން އާއެކު މި މަހު 17 ގައި ސޮއިކޮށްފައިވާ ކަމަށެވެ.

މި ޕެކޭޖުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި މާލޭގައި ޤާއިމްކޮށްފައިވާ 16 ޕަންމްޕް ސްޓޭޝަން އޮޓޮމޭޓްކުރުމަށް ހަރުކުރަންޖެހޭ އާލާތްތައް ޕަންމްޕް ސްޓޭޝަންތަކުގައި ހަރުކުރުން ހިމެނެއެވެ.

އަދި މި މަޝްރޫޢުގެ ތެރެއިން 16 ޕަންމްޕް ސްޓޭޝަން މޮނިޓަރ ކުރުމަށްޓަކައި ސެންޓްރަލައިޒްޑް މޮނިޓަރިންގް ސްޓޭޝަންނެއްވެސް ޤާއިމްކުރާނެއެވެ.

މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ފެންހިންދާ ނިޒާމުގެ މެއިންޓެނަންސަށް ބޭނުންވާ ޖެޓިންގެ ވެހިކަލްއެއް ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދެވެ. އަދި ޓެކް އިންޓަރނޭޝަނަލް އިންކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ މިސްޓަރ މަކޯޓޯ ޔޮކޮށީ އެވެ.