އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ޚާއްސަކޮށް، ނަގުދު ފައިސާ އަދި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.

ކައުންޓަރުތަކުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި
ކައުންޓަރުތަކުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

އެގޮތުން މާލޭގައި، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޤާއިމުކޮށްފައިވާ، ކައުންޓަރުތަކުން މިއަދު ޒަކާތް ބަލައިގަންނަން ފަށައިފައެވެ.

މި ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ވަގުތުތައް:

  • 22 ފެބުރުވަރީން 9 މާރިޗަށް: ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 10:00އިން 13:00އަށް

  • 10 މާރިޗުން 19 މާރިޗަށް: ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު 11:00އިން 14:00އަށް

އަތޮޅުތެރޭގެ ރަށްރަށުގައި، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކުން ފިޠުރު ޒަކާތް ދައްކާނީ އެ ރަށެއްގެ ލޯކަލް ކައުންސިލު އިދާރާއަށް ގޮސްގެން ކަމަށް ޒަކާތު ހައުސް އިން ބުނެ އެވެ. ނަގުދު ފައިސާއިންނާއި ގޮވާމުން ޒަކާތް ބަލައިގަތުމަށް ކައުންސިލުތަކުން ބޭނުންކުރާނީ އެ ކަމަށް ޓަކައި ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ފިޠުރު ޕޯޓަލެއް ކަމަށް ޒަކާތު ހައުސްއިން މައުލޫމާތު ދެ އެވެ.

ޒަކާތު ހައުސްއިން ބުނީ ފިޠުރު ޕޯޓަލް މެދުވެރިކޮށް، އާންމު ފަރުދުން ކައުންސިލު އިދާރާތަކަށް ނުވަތަ އިސްލާމީ މަރުކަޒަށް ވަޑައިގެން ނަގުދު ފައިސާއިން ޒަކާތް ދެއްކުމުން، ހުއްދަ ދެވިފައިވާ މުވައްޒަފުން އެ މުޢާމަލާތް ވަގުތުން ޕޯޓަލުގައި ރެކޯޑުކުރާނެ ކަމަށެވެ. ފައިސާ ދައްކައި ނިމުމުން، ފިޠުރު ޒަކާތުގެ ގޮތުގައި ދެއްކި އަދަދު ކަށަވަރުކޮށްދޭ އެސްއެމްއެސްއެއް ވަގުތުން އެ ފަރާތަކަށް ލިބޭނެ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.

ފިތުރު ޒަކާތް ކައުންޓަރުތަކުން ބަލައިގަތުން

މީގެ އިތުރުން، ސަދަގާތުގެ ގޮތުގައި އިތުރު ފައިސާއެއް ދައްކާފައިވާ ނަމަ، އެ އަދަދު ވެސް އެ މެސެޖުގައި ހިމެނޭނެއެވެ.

ނަގުދު ފައިސާއާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން މިއަދު ފެށި ނަމަވެސް، މޯލްޑިވްސް ޒަކާތު ހައުސްގެ ފަރާތުން މި ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވަނީ އޮންލައިންކޮށް ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފައެވެ. އެގޮތުން ޖުމްލަ 7 އޮންލައިން ޕްލެޓްފޯމަކުން މި އަހަރުގެ ފިޠުރު ޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.

މި ފަހަރު އޮންލައިންކޮށް ފިޠުރު ޒަކާތް ދެއްކޭނެ 7 ޕްލެޓްފޯމަކީ ދިރާގު މޯބައިލް އެޕްއާއި ދިރާގު ޕޭ ވެބްސައިޓް، އުރީދޫ އެމް ފައިސާ މޯބައިލް އެޕް، މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޯބައިލް އެޕް، ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް އެޕް، ފަހިޕޭ މޯބައިލް އެޕް،އަވަސް މޯބައިލް އެޕް އަދި ބަނޑޭރި ޕޭ ވެބްސައިޓް އެވެ.

މީގެ ތެރެއިން ބަނޑޭރިޕޭއާއި ފަހިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެއެވެ. އެހެން ޕްލެޓްފޯމުތައް މެދުވެރިކޮށް ރަމަޟާން މަހުގެ 27ވަނަ ދުވަހުގެ ހެނދުނު 06:00އާ ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެއެވެ.

މި ރަމަޟާން މަހު ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ ޢަދަދުތަކަކީ:

  • އާދައިގެ ހަނޑޫ: 12 ރުފިޔާ

  • ތައިލެންޑް ހުދު ހަނޑޫ: 53 ރުފިޔާ
  • ރަތް ހަނޑޫ: 96 ރުފިޔާ
  • ބާސްމަތީ ހަނޑޫ (އާދައިގެ): 77 ރުފިޔާ
  • ބާސްމަތީ ހަނޑޫ (މޮޅު): 109 ރުފިޔާ
  • ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136 ރުފިޔާ
  • އާދައިގެ ފުށް: 10 ރުފިޔާ
  • އާޓާ ފުށް: 75 ރުފިޔާ