ޖަނަވަރީ މަހުގެ ނިޔަލަށް ރަސްމީ ރިޒާވް 1.03 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޖަނަވަރީ މަހުގެ ނިޔަލަށް ރަސްމީ ރިޒާވް ހުރީ 1.03 ބިލިޔަން ޑޮލަރެވެ. މިދިިޔަ އަހަރު ނިންމާލިއިރު މިއަދަދު ހުރީ 983.04 މިލިޔަން ޑޮލަރުގައެވެ. މިއީ 4 އިންސައްތައިގެ ކުރިއެރުމެކެވެ. މިއީ ރާއްޖޭގެ ރަސްމީ ރިޒާވު މިފަހުން ބިލިޔަނަކަށް އެރި ފުރަތަމަ ފަހަރެކެވެ.

މީގެ އިރުތުން އެމްއެމްއޭ އިން ބުނެފައިވަނީ ރަސްމީ ރިޒާވް އިތުރުވެފައިވާއިރު، ބޭނުން ކުރެވޭ ރިޒާވް ވެސް އިތުރުވެފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ އަހަރު ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 244.1 މިލިޔަން ޑޮލަރު ކަމަށާއި ނަމަވެސް މި އަހަރުގެ ޖަނަވަރީ މަސް ނިމުނުއިރު އެއަދަދު 301.4 މިލިޔަން ޑޮލަރަށް ވަނީ އަރާފައެވެ. އެހެންކަމުން މިއީ 25 އިންސައްތައިގެ ކުރިއެރުމެކެވެ.

މީގެ ކުރިން ރަސްމީ ރިޒާވް މިވަރަށް މަތިވީ 2020 ވަނަ އަހަރުގައެވެ. އޭރު މިއަދަދު އިތުރުވެގެން ދިޔައީ، ރިޒާވް ބޭންކް އޮފް އިންޑިއާއާއެކު ސޮއިކޮށްފައިވާ 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވަޕް ފެސިލިޓީގެ އެއަހަރު ތެރޭ ބޭނުން ކުރުމުންނެވެ. އެއަހަރުގެ ޑިސެންބަރު މަހު އޭރުގެ ސަރުކާރުން ހަރަދުތައް ފޫބެއްދުމަށް 250 މިލިޔަން ޑޮލަރުގެ ބޮންޑެއް ވަނީ ވިއްކާފައެވެ.