މިދިޔަ އަހަރުގެ ފަހު 6 މަސް ދުވަހު ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 400 އަށް ވުރެ ގިނަ މައްސަލަ ބަލައިގަނެފައިވާ ކަމަށް އެކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެޗްއާރުސީއެމުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފަހު ހަމަސްދުވަހު ހުށަހެޅި މައްސަލަތަކުގެ ތެރެއިން 196 މައްސަލަ ތަހްގީގް ކުރުމަށް ނިންމިއިރު، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިހުރި މައްސަލަތަކާއެކު، 306 މައްސަލައެއް ވަނީ ނިމިފައެވެ. އޭގެ ތެރެއިން އެއް މައްސަލަ ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާއިިރު މިމުއްދަތުގައި އެކޮމިޝަނުން 307 މައްސަލަ ދިޔައީ ތަހުގީގު ކުރަމުންނެވެ.
އެޗްއާރުސީއެމުން ބުނީ އެންޓި ޓޯޗާ ޤާނޫނުގެ ދަށުން މިދިޔަ އަހަރުގެ ފަހު ހަމަސްދުވަހުގެ ތެރޭގައި، އިންސާނީ ހައްޤުތަކާ ގުޅޭ 176 މައްސަލައެއް ބެލުމަށް ނިންމިއިރު، ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓަށް 43 މައްސަލައެއް ހުށަހެޅި، އެހެން އިދާރާތަކަށް 20 މައްސަލައެއް ފޮނުވާކަމަށެވެ. އަދި 8 މައްސަލައެއް ވަނީ ނިމިފައެވެ.
ހިއުމަން ރައިޓްސް ކޮމިޝަންގެ ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓަށް މިދިޔަ އަހަރުގެ ފަހު 6 މަސް ދުވަހު 43 މައްސަލަ ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 8 މައްސަލަ ބަލައި ނިންމިއިރު 23 މައްސަލައެއްގެ މައުލޫމާތު އެހެން އިދާރާތަކަށް ވަނީ ފޯރުކޮށްދީފައެވެ.
މި ޔުނިޓަށް ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު، މިދިޔަ އަހަރު ޖުލައި އިން ޑިސެމްބަރ އަށް ގާނޫނީ ޒިންމާ އަދާ ނުކުރުމުގެ 6 މައްސަލަ ހުށަޅާފައިވެއެވެ. މީގެ އިތުރުން އިންސާނީ ހައްގުތަކާއި ހިލާފުވުމުގެ 6 މައްސަލައަކާއި ކޮރަޕްޝަންގެ އެއް މައްސަލައިގެ އިތުރުން އެހެނިހެން 3 މައްސަލައެއް ޔުނިޓަށް ހުށަޅާފައިވެއެވެ. އެގޮތުން އެންމެ ގިނައިން ހުށަހަޅާފައިވަނީ ދައުލަތުގެ މަގާމު ނަހަމަގޮތުގައި ބޭނުން ކުރުމުގެ މައްސަލަ ކަމަށްވާއިރު މީގެ 26 މައްސަލަ އެ ވަނީ ޔުނިޓަށް ހުށަހަޅާފައެވެ.