އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގައި އައު ވިސްނުމެއް ނެތް ކަމަށާ އިންތިހާބަކުން އެ ޕާޓީއަށް ފުރުސަތު ދޭންޖެހޭ ސަބަބެއް ވެސް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މާފަންނު އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ އިންތިހާބެއް ބޯމަތިވެ ރައްޔިތުންނަށް ގޮތް ނިންމަން ފުރުސަތު ލިބިފައިވާ މިދަނޑިވަޅު ޕާޓީތަކަށް ބާރު ލިބުމުން ކަންކަން ކުރި ގޮތް ބަލާ ވިސްނާލަން ޖެހޭ ކަމަށެވެ.
ސައީދު ވިދާޅުވީ އެމްޑީޕީއަށް ރައްޔިތުން ފުރިހަމަ ބާރު ދިން ކަމަށާ ނަމަވެސް އެބާރު ލިބުމުން ކަންކަން ވީގޮތް ހަނދާން ނެތޭހާ ދުވަސް ނުވާ ކަމަށާއި އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަން ނިމިގެންދިޔައިރު ދައުލަތުގެ ރިޒާވް ގައި 15 ދުވަހު ކާބޯތަކެތި ގަންނާނެ ފައިސާ ނެތް ކަމަށެވެ. އަދި ޑިމޮކްރެޓިކް ނިޒާމަށް އެ ޕާޓީން އިސްވެ ދިން ގެއްލުން ފެންނަން ހުރި ކަމުގައި އޭނާ ވިދާޅުވި އެވެ.
ލާމަރުކަޒީ ނިޒާމުގެ އިސް ޕާޓީއަކީ އެއީ ކަމަށް ދައުވާކުރާއިރު ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރަން އެ ޕާޓީން ކުރީ ކީއްތޯ މިނިސްޓަރު ސައީދު ސުވާލު އުފެއްދެވި އެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރައީސް މުއިއްްޒުގެ ވެރިކަމުގެ ދެ އަހަރު ނިމުނުއިރު ދައުލަތުގެ ރިޒާވްގައި 1.1 ބިލިއަން ޑޮލަރު އެބަހުރި ކަމަށެވެ. އަދި ކައުންސިލްތައް ބާރުވެރިކުރުވާ އަންހެނުންގެ ތަަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް ގާނޫނީ ބާރުވެރިކަން ހޯއްދަވައިދެއްވާފައިވާ ކަމަށް އެނާ ވިދާޅުވިއެވެ.
ކައުންސިލް މުވައްޒިފުން ހަތަރުވަނަ ކެޓަގަރީން މައްޗަށް ޖައްސަވާ އަންހެނުންގެ ތަަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް ރޯދަ އިނާޔަތް ލިބޭނެ ގޮތް ހަމަޖައްސައިދެއްވީ ރައީސް މުއިއްޒު ކަން އޭނާ ފާހަގަކުރެއްވިއެވެ.