މިދިޔަ އަހަރުތަކާއި އަޅާބަލާއިރު ގަވައިދާ ހިލާފަށް މަގުތަކަށް ކުނި ނެރޭ މިންވަރު މިއަހަރު މަދު ކަމަށް ވޭސްޓު މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން ބުނެފިއެވެ.
ދައުލަތުގެ މީޑިއާ ގައި ވާހަކަ ދައްކަވަމުން ވެމްކޯގެ ޖެނެރަލް މެނޭޖަރު ސެންޓްރަލް އޮޕަރޭޝަންސް އަބްދުﷲ ޝިނާން ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު މިއަހަރު ގަވައިދާ ހިލާފަށް މަގުތަކަށް ކުނި ނެރޭ މިންވަރު މަދުވެފައިވާ ކަމަށެވެ. އަދި އެހެން އަހަރުތަކާއި ހިލާފަށް މިހާރު ގަވާއިދާއި އެއްގޮތަށް ކުނި ނެރުމުގައި އާންމުންގެ އެއްބާރުލުން ލިބެމުންދާ ކަމަށް އެނާ ވިދާޅުވިއެވެ.
ވެމްކޯގެ މަސައްކަތްތަކާއި ރޯދަ މަހަށް ވެފައިވާ ތައްޔާރީތައް ފާހަގަކޮށް ޝިނާން ވިދާޅުވީ، ދާދި ފަހުން ހެރިޓޭޖް މިނިސްޓްރީއާ ގުޅިގެން މާލެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ޝިނާން ވިދާޅުވީ ހުޅުމާލޭގައި ގޮންޖެހުންތަކެއް ހުރިކަމަށާއި، ވެމްކޯގެ ވެހިކަލް ފްލީޓާއި ކެޕޭސިޓީ ހުރި މިންވަރަކުން މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން މި ރޯދަ މަހު ހުޅުމާލެއަށް ހާއްސަ ކޮށްގެން ވެމްކޯގެ "ކޯލް އެންޑް ޕިކަޕް" ގެ ހިދުމަތް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހުޅުމާލޭގެ 4000 ހައުސިން ޔުނިޓުގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްްޞަކޮށްގެން ކުނި އުކާލުމުގެ އިންތިޒާމްތަކެއް ހަމަޖައްސަމުންދާ ކަމަށް ޝިނާން ވިދާޅުވިއެވެ.
ޝިނާން ވަނީ މި ރޯދަ މަހު ކުނި ނެގުމަށް ހަމަޖައްސަވާފައިވާ ގަޑިތަކަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރައްވާފައެވެ.
ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހަ ރޯދަ ނިމެންދެން މާލޭ ގޭބިސީތަކުން ކުނި ނެގުމަށް ހަމަޖައްސާފައިވަނީ، ރޭގަނޑު 20:30 އިން 2:00 އާ ދެމެދު، ހުޅުމާލެ ގޭބިސީތަކުން ކުނި ނެގުމަށް ހަމަޖެހިފައިވަނީ، ރޭގަނޑު 21:00 އިން 2:30 އަދި ވިލިމާލޭގެ ގޭބީސީތަކުގެ ކުނި ނެގުމަށް ހަމަޖެހިފައިވަނީ، ރޭގަނޑު 21:00 އިން 1:00 އަށް ކަމަށް ވެމްކޯ އިން ވަނީ މަުލޫމާތުދީފައެވެ.