މިއަހަރުގެ މިހާތަނަށް ކ. އަތޮޅަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ "މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓް" ރިޕޯޓުގައިވާގޮތުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ކ. އަތޮޅަށެވެ.

އެގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް މުޅި ޖުމްލަ 390,004 ފަތުރުވެރިން އައިސްފައިވީ އިރު 166،867 ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ކ. އަތޮޅަށެވެ. އަދި 35،451 ފަތުރުވެރިންނާއެކު މި ލިސްޓުގެ ދެވަނައިގައި އޮތީ އދ. އަތޮޅެވެ. އަަދި ތިންވަނައިގައި އޮތީ އއ. އަތޮޅެވެ. އެއީ 31،870 ފަތުރުވެރިންނެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 360,401 ފަތުރުވެރިންނާ އަޅާ ބަލާއިރު 8.2 އިންސައްތަ އިތުރު އަދަދެއް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި އަތޮޅަކަށް ކ. އަތޮޅު ވެފައިވާއިރު، އެއަތޮޅަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޓޫރިސްޓް ފެސިލިޓީތަކުގެ ތެރެއިން އެންމެ ގިނަ އެނދު މިވަގުުތު އޮޕަރޭޝަނުގައި ހުރި އަތޮޅު ކަން ތަފާސް ހިސާބުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން 67،027 އެނދުގެ ތެރެއިން 24،864 އެނދު މި އަތޮޅުގައި އޮޕަރޭޝަނުގައި އެބަހުރި ކަން ފާހަގަކޮށް ބުނީ އޭގެ ތެރޭގައި ހިމެނެނީ 15،566 ރިސޯޓާއި، 1،604 ހޮޓަލުގެ އިތުރުން، 7،694 ގެސްޓްހައުސް ކަމަށެވެ.

މިއަހަރުގެ މިހާތަނަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް ޒިޔާރަތްކުރި 387،594 ފަތުރުވެރިންނާއި، ވިޔަފާރީގެ އެކި ބޭނުންތަކަށް ޒިޔާރަތްކުރި 1،345 ފަތުރުވެރިންގެ އިތުރުން، ކްރޫޒްލައިނަރުތަކުން ރާއްޖެއަށް ޒިޔާރަތްކުރި 1،065 ފަތުރުވެރިން ކަމަށް ތަފާސް ހިސާބުތަކުން ފާހަގަށްކޮށްލެވެއެވެ.

ހިސާބުތަކުން ފާހަގަށްކޮށްލެވޭ ގޮތުގައި ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 7,959 ފަތުރުވެރިން އާދެއެވެ. އަދި މި މަހުގެ 14 ވަނަ ދުވަހު ރާއްޖެއަށް ވަނީ 11,136 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ދުވަސް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، މިދިޔަ އަހަރު ރާއްޖެއަށް ވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައި ކްނ ފާހަގަކޮށް މިދިޔަ އަހަރުތެރޭ ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމށް ބުނެއެވެ. އަދި މިއަހަރު ރާއްޖެއަށް 2.5 މިލިޔަން ފަތުރުވެރިން ގެނައުމަކީ ސަރުކާރުގެ އަމާޒުކަން ފާހަގަކޮށްލެވެއެވެ.