ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ “ގޫގުލް ޑްރައިވް” އަށް އަޕްލޯޑްކުރުމާއި، އިލެކްޓްރޯނިކް އެކި ވަސީލަތްތަކުގައި އެފަދަ ތަކެތި ރައްކާކޮށް، ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހުޅެވި / ބ.ކުޑަރިކިލު, އަލީ ނާޖިހު އަހްމަދު (29އ) ކަމަށާއި، އޭނާ ހައްޔަރުކޮށްފައިވަނީ 2026 ފެބްރުއަރީ 13 ވަނަ ދުވަހު ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފުރަތަމަ 5 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އަދި އޭގެ ފަހުން، ފެބްރުއަރީ 19 ވަނަ ދުވަހު އަލުން ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 7 ދުވަސް ދީފައިކކަން ފާހަގަކޮށް ފުލުހުން ބުނީ މި މުއްދަތު ހަމަވާނީ 2026 ފެބްރުއަރީ 26 ވަނަ ދުވަހަށް ކަމަށެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ކުޑަކުދިންގެ އޮރިޔާން މަންޒަރުތައް ހިމެނޭ ފޮޓޯއާއި ވީޑިއޯ ގެންގުޅޭ ފަރާތްތަކުގެ މައްސަލަތަކަކީ، ދިވެހި ފުލުހުންގެ ހިދުމަތުން އިސްކަންދީގެން ތަހުގީގު ކުރަމުންދާ ސީރިއަސް މައްސަލަތަކެއް ކަމަށްވެސް ފުލުހުން ބުނެއެވެ.