ޖަރާސީމުގެ އަސަރު ހުރި ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮޓޯރިޓީ (އެމްއެފްޑީއޭ) ގެ ޓެސްޓުތަކުން ދެއްކި ބެޗުގެ ހޭންޑީ ވޯޓާގެ ބިއްލޫރިފުޅިތައް މިހާރު ވާނީ މާކެޓުން ނަގާފައި ކަމަށް އެ ފުޅިތައް ބަންދުކުރާ ކުންފުނިން ބުނެފިއެވެ.

އެމްއެފްޑީއޭ އިން ބުނީ ހޭންޑީ ވޯޓާ ބޮޓްލިން ޕްލާންޓުން އުފައްދާ ހޭންޑީ ވޯޓާ 330 އެމްއެލް އާއި 550 އެމްއެލް އަދި އެއް ލީޓަރުގެ ބިއްލޫރި ފެން ފުޅީގައި ހުރެގެން ނުވާނެ ފަދަ ޖަރާސީމުގެ އަސަރު ފެނިފައިވާ ކަމަށެވެ.

އަދި ވަކި ގޮތެއް އަންގަންދެން ހޭންޑީ ވޯޓާގެ ބިއްލޫރި ފުޅިތަކުގައި ބަންދުކޮށްފައިވާ ފެން ބޭނުން ނުކުރަން އެމްއެފްޑީއޭ އިން އެންގިއެވެ.

އެގޮތުން އެކަމާއި ގުޅިގެން ހޭންޑީ އިންޑަސްޓްރީޒުން ނެރުނު ބަޔާނެއްގައި ބުނީ، އެފަދަ މައްސަލައެއް މެދުވެރިވި ސަބަބު ދެނެގަނެ، އެކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މިހާރު ވާނީ އަޅާފައި ކަމަށެވެ. އެމްއެފްޑީއޭ އިން ޓެސްޓުކޮށް، ބެލިއިރު ހޭންޑީ ވޯޓާގެ ML 330 ގެ 007 ބެޗު، 006 ބެޗު، 500 ML ގެ 0026 ބެޗު، 1،000 ML ގެ 009 ބެޗު، 0011 ބެޗުގައި މައްސަލަތަކެއް ހުރި ކަމަށް ފާހަގަވެފައިވާ ކަމަށް އެ އޮތޯރިޓީން އެ ކުންފުންޏަށް އެންގުމާ އެކު އެއްވެސް ލަސްކުރުމެއް ނެތި އެ ބެޗުތަކުގައި ވިއްކާފައިވާ އެންމެހާ ފުޅިތައް އެ ކުންފުނިން ވާނީ ރީކޯލް (އަނބުރާ ގެނެސްފަ) ކޮށްފައި ކަމަށެވެ.

މިގޮތުން އެ ބެޗުތަކުގެ އެއްވެސް ފުޅިއެއް މާކެޓުގައި މިހާރު ނުހުންނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.