އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުންގެ ތާއީދު ޕީއެންސީއަށް ހޯދުމަށް ކުރިއަށްގެންދާ ޑޯޓުޑޯ ހަރަކާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

ޕީއެންސީގެ ލީޑަރުގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެން، މާފަންނު ހުޅަނގު ދާއިރާގެ ބައެއް ގޭގެއަށް މިއަދުގެ ޑޯޓުޑޯ ކެންޕޭނުގައި ރައީސް ޒިޔާރަތްކުރެއްވިއެވެ. އަދި މަގުމަތިން ގިނަ އަދަދެއްގެ ރައްޔިތުންނާ ވެސް ބައްދަލުކުރެއްވިއެވެ.

ރައީސްގެ އަރިހުގައި، މިއަދުގެ ޑޯޓުޑޯ ހަރަކާތުގައި މިނިސްޓަރުންނާއި ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން އަދި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މޫސާ އަލީ ޖަލީލާއި، މާލެ ސިޓީ ކައުންސިލަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓުންނާއި ރައްޔިތުން މަޖިލީހުގެ ޕީއެންސީ ޕާލަމެންޓްރީ ގުރޫޕުގެ ބައެއް މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިހާބު ކުރަންޖެހޭ އަދަދަށްވުރެ ގިނަ މީހުން ކުރިމަތިނުލުމާއި، ބައެއް ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމާ ގުޅިގެން ޖުމުލަ 69 ގޮނޑިއެއް އިންތިހާބަކާ ނުލައި ޕީއެންސީއަށް ވަނީ ކާމިޔާބުވެފައެވެ. އޭގެ ތެރޭގައި ކައުންސިލުތަކުގެ 28 ގޮނޑިއެއް ހިމެނެއެވެ.