500 އަށް ވުރެ ގިނަ ފަތުރުވެރިންނާއިއެކު ކްރޫޒްލައިނާއެއް ރާއްޖެއަށް އަތުވެއްޖެއެވެ.
ސީޝެލްސް ގެ ވިކްޓޯރިއާ ޕޯރޓް އިން ފުރައިގެން ރާއްޖެއަށް އައިސްފައިވަނީ "އެމްއެސް ކްރިސްޓަލް ސިންފޮނީ" ނަމަކަށް ކިޔާ ކްރޫޒްލައިނަރއެކެވެ.
މި ކްރޫޒްލައިނުން ރާއްޖެއަށް 587 ފަތުރުވެރިންނާއި 489 ކްރޫ މެންބަރުން އައިސްފައިވާއިރު އެ މީހުންނަށް ކްލިއަރަންސް ދިނުމުގެ މަރުހަލާ ފުރިހަމަކޮށްފައިވަނީ އިމިގްރޭޝަންގެ ސީޕޯޓް ޑިވިޝަނުންނެވެ.
"އެމްއެސް ކްރިސްޓަލް ސިންފޮނީ" އަކީ މިއަހަރުގެ މިހާތަނަށް ރާއްޖެ އައި 6 ވަނަ ކްރޫޒްލައިނާއެވެ. ރާއްޖެއަކީ އަބަދުވެސް ކްރޫޒްލައިންތަކުގެ މެދުގައި މަގްބޫލު މަންޒިލެކެވެ. ކޮންމެ އަހަރަކުވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ކްރޫޒްލައިނާތައް އާދެއެވެ.
މިފަދަ ބޮޑެތި އުޅަނދުފަހަރު ރާއްޖެ އައުމުން، ދަތުރުމަތީގައި ކްލިއަރެންސް ދިނުމަކީ ފަތުރުވެރިންނަށާއި އުޅަނދުގެ އޮޕަރޭޓަރުންނަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ. މީގެ ސަބަބުން ބަނދަރަށް މަޑުކުރުމަށްފަހު ފަސިންޖަރުންނަށް ލަސްވުމެއް ނެތް ގޮތުގައި ރާއްޖެއަށް އެތެރެވުމުގެ ފުރުސަތު ފަހިވެގެންދެއެވެ.