34،840 މީހުންނަށް މި އަހަރުގެ ޖެނުއަރީ މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ، އަޅާ ބަލާއިރު، މި އަހަރުގެ ޖަނަވަރީ މަހު، އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކޮށްފައިވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. ޑިސެމްބަރު 2025 ގައި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކޮށްފައިވަނީ 29،461 މީހުންކަން ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ 5،379 މީހުންގެ އިތުރުވުމެކެވެ.

ތަފާސް ހިސާބުތަކުގައި، ޑެންގީ ހުންޖެހިގެން ޖަނުއަރީމަހު 647 މީހަކު ރިޕޯޓް ކޮށްފައިވާކަން ފާހަގަކޮށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި ރިޕޯޓު ކޮށްފައިވަނީ 424 މީހުން ކަމަށް ބުނެއެވެ.

މީގެ އިތުރުން އިންފްލުއެންޒާ ބައްޔައް ޖެނުއަރީ މަހު 791 މީހަކު ޓެސްޓުކޮށްފައިވާކަމަށާއި، 96 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މި އަހަރުގައި ޓެސްޓު ކޮށްފައިވާ މީހުންގެ އަދަދު އިތުރު ނަމަވެސް ބައްޔަށް ޕޮޒޮޓިވް ވެފައިވާ މީހުންގެ އަދަދު ދަށްވެފައި ވާކަން ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން ޑިސެމްބަރު މަހު ޓެސްޓު ކޮށްފައިވަނީ 560 މީހުން ކަމަށާއި، ޕޮޒިޓިވް ވެފައިވަނީ 152 މީހުން ކަން ތަފާސް ހިސާބުތަކުން ފާހަގަކޮށްލެވެއެވެ.

ހަމަމިއާއެކު، ބޭރަށް ހިންގާ ބަލި ޖެހިގެން ޖަނަވަރީ މަހުގައި ރިޕޯޓު ކޮށްފައިވާ މީހުންގެ އަދަދު ޑިސެމްބަރު މަހަށް ވުރެ އިތުރުކަން ތަފާސް ހިސާބުތަކުން ދައްކައެވެ. ޑިސެމްބަރު މަހު ރިޕޯޓުކޮށްފައިވަނީ 3405 މީހުންނެވެ. އަދި ޖަނަވަރީ މަހު ރިޕޯޓު ކޮށްފައިވަނީ 7792 މީހުންނެވެ.

އެޗްޕީއޭ އިން ވަނީ މިފަދަ ބަލިތަކުން ރައްކާތެރިވެ ތިބުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތައް ހާމަކޮށް، އެކަންކަން ކުރުމަށް އިލްތިމާސް ކޮށްފައެވެ.