ރާއްޖޭގެ ބޮޑު ސަރަހައްދަކަށް، އަނެއްކާވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކޮށް ދުރު ފެންނަ މިންވަރު ދަށްވެއްޖެއެވެ.

ވައިގެ ސާފުމިން ބަލާ މިންގަނޑުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ އުތުރަށް ވައިގެ ސާފުމިން ހުރީ 159 ގައެވެ. އަދި މާލޭ ސަރަހައްދުގައި ވައިގެ ސާފުމިން ހުރީ 154 ގައެވެ. މިއީ ސިއްހީ ގޮތުން ނުރައްކާ މިންވަރެކެވެ.

ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ހޭޒްގެ އަސަރު ފޯރާފައިވީ ނަމަވެސް، މި އަސަރު އެންމެ ކުޑައީ ރާއްޖޭގެ އެންމެ ދެކުނުން ފުވައްމުލަކާއި އައްޑޫއަށެވެ. އެ ސަރަހައްދުތަކުގައި ވައިގެ ސާފުމިން ހުރީ އާދައިގެ ނުވަތަ އާންމު ހާލަތެއްގައެވެ.

އެހެން ކަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ. ވަކިން ހާއްސަކޮށް، ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުންނާއި، ކުޑަކުދިންނާއި އަދި އުމުރުން ދުވަސްވީ މީހުން ބޭރަށް ނުކުމެ އުޅުމުގައި މާސްކު އެޅުމަށް ވަނީ އިރުޝާދު ދީފައެވެ.

މީގެ އިތުރުން، ދުރު ފެންނަ މިންވަރު ދަށްވުމުގެ ސަބަބުން ކަނޑުދަތުރުކުރާ ފަރާތްތަކުންވެސް ދަތުރުފަތުރު ކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އެދިފައެވެ.