މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ އިހްޔާ ފޯރަމް މިރޭ އޮންނާނެއެވެ.
އިސްލާމިކް މިނިސްޓްރީ އިން އެކްސްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ އިހްޔާ ފޯރަމް މިރޭ 21:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އޮންނާނެކަމަށެވެ.
މިރޭގެ މައުލޫއަކީ ރަމަޟާން މަހުގެ މަތިވެރިކަމެވެ. އަދި ޝައިޚެއްގެ ގޮތުގައި ދަރުސް ދެއްވާނީ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމު އަލީ ސައީދެވެ.
މާލޭގައި ކޮންމެ އަހަރަކުވެސް އިހުޔާ ފޯރަމްތައް ހަފްތާއަކު ދެ ރޭ ކުރިޔަށްގެންދާއިރު އަތޮޅުތަކުގައިވެސް މިހާރު އަންނަނީ އިހްޔާ ފޯރަމްތައް ބާއްވަމުންނެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރުގެ އިހްޔާ ފޯރަމްތައް ބާއްވާނެ ރަށްތައް ފައިނަލްކޮށްފައި ވަނީ، އެކަމަށް އެދި ރަށްރަށުގެ ކައުންސިލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކަށް ބަލައި، އެ ރަށްރަށުގައި މިފަދަ ޕްރޮގްރާމެއް ހިންގުމަށް ހުރި ތައްޔާރީތަކާއި އިންތިޒާމުތަކަށް ފުރިހަމައަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ.
އިހްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ތިނަދޫ ސިޓީ، ތ. ދިޔަމިގިލި، ގދ. މަޑަވެލި، ގދ. ގައްދޫ، ހއ. އިހަވަންދޫ، ޅ. ނައިފަރު، ކ. ހިންމަފުށި، ކ. ގުރައިދޫ، ލ. މާވަށް އަދި ރ. މީދޫގައިކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނީ މި ސިލްސިލާ ފޯރަމްތަކުގެ މައިގަނޑު މަގުސަދަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، ބަރަކާތްތެރި ރަމަޟާން މަހުގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި އާންމުންނަށް ފޯރުކޮށްދިނުން ކަމަށެވެ.
މީގެ އިތުރުން، މި އަހަރުގެ އިހްޔާ ފޯރަމްތަކަށް ހާޒިރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން، ހޮވޭ ނަސީބުވެރިންނަށް އަގުހުރި ހާއްސަ އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.