މިސްކިތުގެ މައި ހޯލުގައި 800 މީހުންނަށްވުރެ ގިނަމީހުންނަށް ނަމާދު ކުރެވޭ މިސްކިތްތަކުގެ މައި ހޯލާއި އަންހެނުން ނަމާދުކުރާބައި އޭސީ ކުރުމަށް ސަރުކާރުން ފެށި މަޝްރޫޢުގެ ދަށުން މާލޭގައި ހުރި 4 މިސްކިތެއްގެ މައި ހޯލާއި އަންހެނުން ނަމާދުކުރާ ބައި ރަމަޟާން މަސް ފެށުމުގެ ކުރިން އޭސީކޮށް ނިންމާފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

އެކަން ހާމަކުރައްވާ ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކަމާއި ގުޅޭގޮތުން މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ގޮތަށް، އެ 4 މިސްކިތް އޭސީކޮށް ނިންމާ ރެއިން ފެށިގެންވަނީ ބޭނުންކުރަން ފަށާފައިކަމަށެވެ. އެ މިސްކިތްތަކަކީ، ފުރުޤާން މިސްކިތް، ޖަލާލުއްދީން މިސްކިތް، ވިޔަފާރިވެރިންގެ މިސްކިތް އަދި ހުޅުމާލެ ޢުމަރު ބިން ޚައްޠާބު މިސްކިތެވެ.

މިސްކިތްތައް އޭސީ ކުރުމުގެ މަޝްރޫޢު ކުރިޔަށްގެންދާއިރު ކުރީގެ ބައު މިސްކިތްތައް އައު ކުރުމާއެކު އިތުރު މިސްކިތްތައް ބިނާކުރުމުގެ މަޝްރޫޢު ސަރުކާރުން ދަނީ ކުރިޔަށްގެންދަމުންނެވެ. އަދި މިރޯދަ މަހާ ދިމާކޮށް އިތުރު މިސްކިތްތައްވެސް ދަނީ ހުޅުވަމުންނެވެ.