ހުޅުމާލެ މިސްކިތްތައް ކައިރީ ގިނަ ދުވަސްވަންދެން ޕާކުކޮށްފައިހުރި އުޅަނދުތައް ނެގުމަށް ފުލުހުން އެދިއްޖެއެވެ.
އެކަމަށް އެދި ފުލުހުން ކުރި ޕޯސްޓުގައި ބުނީ މިސްކިތްތަކަށް ދާ ފަރާތްތަކަށް މިސްކިތް ސަރަހައްދަކީ ފަސޭހަ ސަރަހައްދަކަށް ހަދަންޖެހޭކަމަށެވެ. އަދި ނަމާދަށް ދާ މީހުންނަށް ފަސޭހައިން ޕާކުކުރެވޭނޭ އިންތިޒާމް ހަމަޖައްސައިދިނުމުގެ ގޮތުން، މިސްކިތްތައް ހިމެނޭ ސަރަހައްދުތަކުގައި ގިނަ ދުވަސްވަންދެން ޕާކުކޮށްފައިވާ އުޅަނދުތައް ނަގައިދިނުމަށް އެ މުއައްސަސާއިން ވަނީ އެދިފައެވެ.
މިސްކިތްތައް ކައިރީގައި ހުންނަ ހުސް ސަރަހައްދުތަކުގައި ގިނަ ފަހަރަށް އުޅަނދުތައް ޕާކުކޮށްފައި ހުންނައިރު އޭގެތެރޭގައި ގިނަ ދުވަސްވަންދެން އުޅަނދުތައް ޕާކުކޮށްފައި ހުންނަކަން ފާހަގަކުރެވެއެވެ.
ހުޅުމާލެ އާއި މާލޭގައި ގިނަ ދުވަސްވަންދެން ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނެގުމުގެ ކަންކަން ފުލުހުން އަންނަނީ ދޭތެރެދޭތެރެއިން ކުރަމުންނެވެ.