އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އައު ފިހާރައެއް ހުޅުމާލެ ފޭސް 1 ގައި ރަސްމީކޮށް ހުޅުވައިފިއެވެ.

މި ފިހާރަ ހުޅުވާފައިވަނީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މި ފިހާރަ ހުޅުއްވައިދެއްވީ، އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދެވެ.

އެސްޓީއޯއިން ބުނީ، މި ފިހާރަ ހުޅުވާފައިވަނީ ރަމަޟާން މަހާ ދިމާކޮށް، ރައްޔިތުންނަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.

ހުޅުމާލޭގެ އާބާދީ ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، އެސްޓީއޯގެ މި ފިހާރައާއެކު ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް އެސްޓީއޯއިން ވިއްކާ މުދާތައް ފަސޭހަ ކަމާއިއެކު ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި ރަމަޟާން މަހު، ހަނޑޫ ހަކުރު، ފުށުގެ އިތުރުން އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރި 23 ބާވަތް މިފިހާރައިން ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މީގެ އިތުރުން އެސްޓީއޯއިން އެތެރެކޮށް ވިއްކާ ބްރޭންޑްތަކުގެ އުފެއްދުންތައް، މާލޭގެ އެސްޓީއޯ ޕީޕަލްސް ޗޮއިސްއާއި އެއްގޮތަށް ހުޅުމާލެ އައުޓްލެޓުން އާއްމުންނަށް ލިބޭނެ ކަމަށާއި، މި ތަކެތީގެ އިތުރުން އެސްޓީއޯގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ހިޓާޗީ، އެލްޖީ އަދި ފިލިޕްސް ބްރޭންޑުގެ ހޯމް އިމްޕްރޫވްމެންޓް ސާމާނުތައްވެސް މި ފިހާރައިން ލިބެނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ، މިފިހާރައިން އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ ހުރިހާ އައިޓަމްތަކެއް ރީޓެއިލްކޮށް ލިބެން ހުންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތާނުގައި ހުޅުމާލޭގެ ވިޔަފާރި ވެރިންނަށް ހޯލްސޭލްކޮށް ތަކެތި ދޫކުރުމުގެ އިންތިޒާމުވެސް ހަމަ ޖެހިގެންދާނެ ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

މި ފިހާރަ ހުންނާނީ، ހުޅުމާލޭ ރީތިގަސް މަގު (ރެއިން ކޮރަލް ރެޒިޑެންސް) ގައެވެ.