މިއަހަރުގެ ރަމަޟާންމަހުގެ ފިތުރު ޒަކާތް އޮންލައިންކޮށް ބަލައިގަންނަން ފަށައިފިއެވެ.

ޒަކާތު ހައުސްއިން ބުނީ މިފަހަރު އޮންލައިންކޮށް 7 ޕްލެޓްފޯމްއަކުން ޒަކާތް ދެއްކޭނެ ކަމަށެވެ. އަދި ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރަމަޟާންމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6 ޖެހުމާ ހަމައަށް އޮންލައިންކޮށް ޒަކާތް ބަލައިގަންނަމުން ދާނެކަމަށެވެ.

އެގޮތުން ޒަކާތް ދެއްކޭނެ ގޮތްތަކަށް ބަލާލާއިރު، ދިރާގު އެޕް ނުވަތަ ދިރާގު ޕޭ ވެބްސައިޓް، އުރީދޫ، އެމް ފައިސާ އެޕްލިކޭޝަން، މޯލްޑިވްސް އިސްލާމިކް ބޭންކު އެޕްލިކޭޝަން، ބޭންކް އޮފް މޯލްޑިވްސް މޯބައިލް އެޕްިލޭޝަން، ފަހިޕޭ އެޕްލިކޭޝަންގެ އިތުރުން އަވަސް އެޕް، އަދި ބަނޑޭރި ޕޭ ހިމެނެއެވެ.

ޒަކާތު ހައުސްއިން ބުނީ ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާހަމައަށްވެސް ފިތުރު ޒަކާތް ދެއްކޭނެކަމަށެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ހާއްސަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައިކަމަށް ބުނެއެވެ.

ރަމަޟާންމަހުގެ ފަހުދިހައިގެ ދުވަސްތަކުގައި ކައުންޓަރުން ޒަކާތް ބަލައިގަންނާނެ ގަޑިތައް ޒަކާތު ހައުސްއިން އިއުލާން ކޮށްފައިވެއެވެ. އެގޮތުން، 22 ފެބުރުވަރީ އިން ފެށިގެން 9 މާރިޗާ ހަމައަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 10:00 އިން 13:00 އަށް، އަދި 10 މާރިޗުން ފެށިގެން 19 މާރިޗާ ހަމައަށް ހުކުރު ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 11:00 އިން 14:00 އަށް ކައުންޓަރުތަކުން ޒަކާތް ބަލައިގަންނާނޭކަމަށް ބުނެއެވެ.

ރަށްރަށުގައި ނަގުދު ފައިސާއިން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ރަށު އަދި ސިޓީ ކައުންސިލުންކަމަށް ޒަކާތު ހައުސިން އިން ބުނެއެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު ތަކަށް ބަލާލާއިރު، އާދައިގެ ހަނޑޫ އަށް 12 ރުފިޔާ، ތައިލެންޑް ހުދު ހަނޑޫ އަށް 53 ރުފިޔާ، ރަތް ހަނޑޫ އަށް 96 ރުފިޔާ، އާދައިގެ ބާސްމަތީ ހަނޑޫ އަށް 77 ރުފިޔާ، މޮޅު ބާސްމަތީ ހަނޑޫ އަށް 109 ރުފިޔާ، އެންމެ މޮޅު ބާސްމަތީ ހަނޑޫ އަށް 136 ރުފިޔާގެ އިތުރުން، އާދައިގެ ފުށަށް 10 ރުފިޔާ، އަދި އާޓާ ފުށަށް 75 ރުފިޔާ ދައްކަންޖެހޭ ކަން ފާހަގަކޮށްލެވެއެވެ.

ފިތުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ހައްގުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. ފިތުރު ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާންމަހުގެ ރޯދައާއެކު ހިޖުރައިން 2 ވަނަ އަހަރުއެވެ. ޒަކާތް ބަހަނީ ފަގީރުންގެ ގޮތުގައި ރެޖިސްޓްރީކުރުމަށް ހުޅުވާލި ފުރުސަތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.