ރާއްޖެއަށް ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމުގައި ކަނޑައަޅައި އެކަން ރަސްމީކޮށް އިއުލާން ކޮށްފިއެވެ.

މިކަން އިއުލާންކޮށްފައިވަނީ 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ހަނދު ސާބިތުވިކަން އިއުލާނު ކުރައްވާ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ސޮއިކުރެއްވިއެވެ.

ހަނދާބެހޭ ބަޔާން އިއްވަމުން ޝެއިހް ސައުދާން ވިދާޅުވީ ހިޖްރީ ސަނަތުން 1447 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 29 ވީ އަންގާރަ ދުވަހުގެ އިރު އޮއްސުމުގެ ފަހުން، ބައެއް އިސްލާމީ ގައުމުތަކަށް 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނުނުކަން ޝަރްޢީ ހަމަތަކުން ސާބިތުވާތީ ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށް ދިވެހިރާއްޖޭގައި ޢަމަލް ކުރުމަށް ހަމަޖެހިފައިވާ އުސޫލުގައި ވާ ގޮތުގެ މަތީން ފެބްރުއަރީ މަހުގެ 18ވާ ބުދަ ދުވަހަކީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

މި ގަރާރު ވަނީ ރަމަޟާން މަހުގެ ރޯދައިގެ ފަރުޟުތައް އަދާކުރުމަށް ފަރުވާތެރިވުމަށާއި، މި މާތް މައްސަރުގައި މާތް ﷲ ގެ ރުއްސެވުމާއި މަޣްފިރަތަށް އެދި ހެޔޮ ޢަމަލުތައް ހިނަ ކުރުމަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަށް ކުރައްވާފައެވެ.

މާދަމާ އަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމުގައި ކަނޑައަޅައި އެކަން އިއުލާންކުރުމާއެކު ސިފައިން ވަނީ ބަޑި ޖަހާފައެވެ.