ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމަށް އަލަށް އިންތިހާބުވެވަޑައިގެންނެވި ހިޒް އެކްސެލެންސީ ތާރިޤް ރަޙްމާން އާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުވުން އޮތީ ބޮޑުވަޒީރުގެ މަޤާމުގެ ހުވާކުރެއްވުމާއި އައު ސަރުކާރު ހުވާކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތަށް ފަހުއެވެ.
މިބައްދަލުވުމުގައި، ރައީސް ވަނީ ބަންގްލަދޭޝްގައި ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހު ބޭއްވި، 13 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތާރިޤް ރަޙްމާން އާއި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ) އިން ހޯދި ކާމިޔާބީއަށް މަރުހަބާ ދަންނަވާފައެވެ. އަދި، ދެގައުމުގެ ބަދަހި ގުޅުމާއި ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ބޮޑުވަޒީރުގެ ވާހަކަފުޅުގައި، މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދެންނެވިއެވެ. އަދި، ދެގައުމުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމާއި، ޞިއްޙީ، ތިމާވެށި، މަތީ ތައުލީމް އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާއި ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ބަންގްލަދޭޝަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ދިވެހިރާއްޖެއާއި ބަންގްލަދޭޝް އާއި ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނީ 22 ސެޕްޓެންބަރު 1978 ގައެވެ.