14 ފުޅި ބަނގުރަލާ އެކު 2 ބިދޭސީއަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް އުމުރުން 35 އަހަރުގެ އަލަމް ފަރްހާދް އާއި ބަންގްލަދޭޝް އުމުރުން 35 އަހަރުގެ އަބްދުއް ރަހްމާންއެވެ.

ފުލުހުން ބުނީ، މި މަހު 16 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގައި މަސައްކަތްކުރާ ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ހުޅުމާލެ އެމްޕީއެލް ކޮންޓެއިނަރ ޖެޓީ ސަރަހައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު 14 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ، މި ދެ މީހުންނަކީ ވެސް އިމިގްރޭޝަންގެ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ދެ މީހުން ކަމަށާއި، ދެ މީހުން ވެސް މިހާރުވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށެެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.