މި އަހަރުގެ ރަމަޟާން މަހުގެ އިތުރުން ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު، މާލެ ސަރަޙައްދުގައި މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި މުދާ އުފުލުން މަނާ ގަޑިތައް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން އާންމުކޮށްފިއެވެ.
އެގޮތުން ރަމަޟާންމަހުގެ 1 ވަނަ ދުވަހުން ފެށިގެން ރަމަޟާންމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އަދި ޝައްވާލުމަހުގެ 1 އިން 7 ވަނަ ދުވަހުގެ ނިޔަލަށް ހެނދުނު 8:00 އިން 9:30އަށް އަދި 16:30 އިން 20:00 އަށް މުދާ އުފުލުން މަނާވާއިރު، ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް 16:30 އިން 20:00 އަށް ބަރު އުޅަނދު ދުއްވުމާއި މުދާ އުފުލުން މަނާވާނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
އެ ވުޒާރާއިން ބުނީ، މި އުސޫލާއި ހިލާފުވާ ފަރާތްތަކަށް އެއްގަމު ދަތުރުފަތުރުގެ ގާނޫން ދަށުން -/750 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށެވެ.
އެހެން ކަމުން ހުރިހާ ފަރާތްތަކުންވެސް މި އުސޫލާއި އެއްގޮތަށް އަމަލުކުރުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.