ފިތުރު އީދާ ދިމާކޮށް ބ. އޭދަފުށީގައި ބޮޑު ވިޔަފާރި އެކްސްޕޯއެއް ބާއްވަން ތައްޔާރުވެއްޖެއެވެ.
މި ހަރަކާތް ކުރިއަށް ގެންދަނީ ހައިރައިޒް ޕްރައިވެޓް ލިމިޓެޑާއި، ބ. އަތޮޅު ކައުންސިލްގެ އިތުރުން އޭދަފުށީ ކައުންސިލާއެކު ވެފައިވާ އެއްބަސް ވުމެއްގެ ދަށުންނެވެ.
އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަދު ހަވީރު މާގިރި ހޮޓެލްގެ މުރަކަ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެގޮތުން މި އެއްބަސްވުމުގައި އޭދަފުށީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިހެވެ. އަދި ބ. އަތޮޅު ކައުންސިލްގެ ފަރާތުން ސެކްރެޓަރީ ޖެނެރަލް މުޙައްމަދު އިކްރާމް ސޮއިކުރެއްވިއިރު، ހައިރައިޒްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރ މަރިޔަމް މާއިޝާއެވެ.
އެ އެކްސްޕޯ ބާއްވާނީ ފިތުރު އީދާ ދިމާކޮށް ހަ ރޯދަ ނިމުމުންނެވެ. އަދި އެ އެކްސްޕޯގެ ތެރެއިން ހާއްސަ އީދު ޝޯއެއްވެސް ބާއްވާނެއެވެ.
އެ އެކްސްޕޯއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އޭދަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިޙު ވިދާޅުވީ މި ހަރަކާތުގެ ސަބަބުން އޭދަފުށީގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބި، ރަށުގެ ވިޔަފާރިތަކަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށާއި އަދި މުޅި ބ. އަތޮޅުގެ ފަތުރުވެރިކަމަށާއި ވިޔަފާރީގެ ދާއިރާއަށްވެސް އެ އެކްސްޕޯގެ ސަބަބުން ހެޔޮ ބަދަލުތަކެއް ގެނުވާނެ ކަމަށެވެ.