ހުޅުމާލޭ ހިޔާގެ ފަސްވަނަ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި 18 އެޕާޓްމަންޓުގައި ދިރިއުޅޭ 85 ފަރާތަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
ހުޅުމާލެ ފޭސް ދޭއްްގެ ހިޔާ ފުލެޓް އެޗް-5 ގައި އިއްޔެ އަލިފާނުގެ ހާދިސާއެއް ހިނގައިގެން، އެ ޓަވަރުން މީހުން ހުސްކުރިއެވެ.
އެންޑީއެމްއޭ އިން މިއަދު ބުނީ ހިޔާގެ ފަސްވަނަ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ޓަވަރުގެ 38 އެޕާޓްމަންޓުގެ ނަރުދަމާ ހޮޅިތަކަށް ގެއްލުންވެފައިވާ ކަމަށެވެ. އެ ހާދިސާއާ ގުޅިގެން 85 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުން ބުއިމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.
އެންޑީއެމްއޭއިން ބުނީ އެ ހާދިސާއަށްފަހު ނަރުދަމާއަށް ލިބުނު ގެއްލުން ދެނެގަނެ ގެއްލުންތައް މަރާމާތުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް (އެޗްޑީސީ) އިން ކުރިއަށްގެންދާ ކަމަށެވެ. އަދި އަލިފާނުގެ ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން އެޗްޑީސީއާ ގުޅިގެން ބަލަމުންގެންދާ ކަމަށް އެންޑީއެމްއޭ އިން ބުނެފައިވެއެވެ.