މިފްކޯއިން 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ގަންނަން ފަށައިފިއެވެ.
މިފްކޯ އިން ބުނީ އިއްޔެއިން ފެށިގެން މިފްކޯގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް ވަނީ 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ގަންނަން ފަށާފައިކަމަށެވެ.
އެގޮތުން މި ސައިޒުގެ ކަންނެލި ގަތުމަށް ކަނޑައަޅާފައިވަނީ ކިލޯއެއް 20ރ. އަށް ކަމަށާއި، ކޫއްޑޫ ބަނދަރާއި އައްޑޫ ބަނދަރާއި އަދި ފުވައްމުލަކާއި ގދ. ގައްދޫއާއި ގދ. ތިނަދޫ އިން މިފްކޯގެ ބޯޓުފަހަރަށް މި ސައިޒުގެ ކަންނެލި އިއްޔެ ގަނެފައިވާކަމަށް މިފްކޯ އިން މައުލޫމާތުދެއެވެ.
މީގެ އިތުރަށް 15 ކިލޯއިން މަތީގެ ކަންނެލި 25ރ. ގެ މަގުން މިފްކޯގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް ދަނީ ގަންނަމުންކަމަށާއި ކަޅުބިލަމަހެކޭ އެއްފަދައިން މިފްކޯއަށް ކިރުވާ ކަންނެލި މަހަށްވެސް 48 ގަޑިއިރުތެރޭ ދަނީ ފައިސާ ދޫކުރަމުން ކަމަށް މިފްކޯ އިން މައުލުމާތުދެއެވެ. .
މިއީ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، ކަންނެލި މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދިނުމަށް މިފްކޯއާ ގުޅިގެން ކުރެވޭ މަސައްކަތުގެ ބައެއްކަން ފާހަގަކޮށް މިފްކޯއިން ބުނީ މި މުހިންމު ފިޔަވަޅުގެ ސަބަބުން ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ބޮޑު ހައްލެއް ލިބި، ކަންނެލި މަސްވެރިކަމަށް ކުރިއެރުންތަކެއް ލިބުގެންދާނެ ކަމަށް ދެކޭކަމަށެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުން ނެވެ. އަދި މިފްކޯއިން މަޢުލޫމާތު ދިން ގޮތުގައި، މި އައު އުސޫލާ ގުޅިގެން މަސްވެރި ކަމަށް ނުކުންނަ ދޯނިތަކުގެ އަދަދު ވަނީ އިތުރުވެފަ އެވެ
ސަރުކާރުން ދަނީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދެއްވުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަކުރެވެއެވެ.