ޕާކިސްތާނުގެ ކަރާޗީގެ ގުލް ޕްލާޒާގައި ހިނގި އަލިފާނުގެ ޙާދިސާގައި އެތައް ބަޔަކު މަރުވުމާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެޙްބާޒް ޝަރީފަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސްގެ އަމިއްލަ ނަންފުޅުގައި، ޕާކިސްތާނުގެ ބޮޑުވަޒީރަށާއި، ސަރުކާރަށާއި، ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.
ރައީސްގެ މެސެޖުގައި މި ޙާދިސާގައި ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް ވަނީ އެދިވަޑައިގެންފައެވެ. އަދި މި ޙާދިސާއިން އަރައިގަތުމަށް ކުރާ މަސައްކަތްތަކަށްވެސް ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.
ޕާކިސްތާނުގެ ކަރާޗީގެ ޝޮޕިން މޯލެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު ވަނީ 21 އަށް އަރާފައެވެ. މި ޙާދިސާ ހިނގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ގިނަ ވަގުތު ނަގާފައިވާއިރު، މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.