އިނގިރޭސިވިލާތުން ޗާގޯސް، މޮރިޝަސްއާއި ހަވާލުކުރިނަމަވެސް އެތަން އެންމެ ޙައްގުކަން ބޮޑީ ދިވެހިރާއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ އިނގިރޭސިވިލާތުގެ ނޫހެއްކަމަށްވާ "އެކްސްޕްރެސް"އަށް ދެއްވި އިންޓަރވިއުއެއްގައިއެވެ.
ރައީސް ވިދާޅުވީ ޗާގޯސް ރާއްޖެއަށް ލިބުން އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ޙައްގުކަން ބޮޑުކަމަށެވެ. މޮރިޝަސްއަށްވުރެ ރާއްޖެއާއި ޗާގޯސް އޮންނަ ސަރަޙައްދު ޖިއޮގްރަފިކަލީ ގާތްވުމާއި، ރާއްޖެއާއި ޗާގޯސްއާ ދެމެދު ތާރީޚީ ވަރުގަދަ ގުޅުމެއް އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ޗާގޯސް ރާއްޖެއަށް ޤާނޫނީގޮތުން ލިބުން މާއައުލާކަން ބޮޑުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ އިންޓަރވިއުގައިވަނީ އެކިފަހަރުމަތިން އިނގިރޭސި ސަރުކާރާއެކު މިމައްސަލައިގައި ދިވެހި ސަރުކާރުން މަޝްވަރާކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ. ތަފްސީލު މިވަގުތު ހާމަކުރެވެން ނެތްނަމަވެސް މިމައްސަލައިގައި ރާއްޖެއިން ދެކޭގޮތާއި ރާއްޖޭގެ ކަންބޮޑުވުން އިނގިރޭސި ސަރުކާރަށް ސާފުވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
"އެކްސްޕްރެސް" ނޫހަށް ދެއްވި އިންޓަރވިއުގައި ރައީސްވަނީ މިމައްސަލައިގެ ތެރޭގައިވެސް އިނގިރޭސިވިލާތާއި ރާއްޖެއާއި ދެމެދު އޮތް ޒަމާންވީ ގުޅުމަށް ބުރޫނާރާނެކަމަށް ވިދާޅުވެފައެވެ.
ރައީސް ޑރ. މުޢިއްޒު ވަނީ މި މައްސަލައިގައި އިނގިރޭސި ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވިކަން، 2024ގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ހާމަކުރައްވާފައެވެ.
ރާއްޖެއާއި ޗާގޯސްއާއި ދެމެދު 310 މޭލު ހުންނައިރު އިނގިރޭސިން މިހާރު ޗާގޯސް ހަވާލުކޮށްފައިވާ މޮރިޝަސްއާއި ޗާގޯސްއާއި ދެމެދު 1300 މޭލު ހުރެއެވެ.