ޕާކިސްތާނުގެ ކަރާޗީ ސިޓީގެ ޝޮޕިން މޯލެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 21 އަށް އަރައިފިއެވެ.
އަލިފާން ރޯވެފައިވަނީ އެގައުމުގެ 18 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ކަރާޗީގައި ހުންނަ، ގުލް ޕްލާޒާ ޝޮޕިން މޯލްގައި މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ.
އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ގިނަ ވަގުތު ނަގާފައިވާއިރު، މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.
ގިނަ އަދަދެއްގެ ފިހާރަތައް ހިންގަމުން އަންނަ އެ ތަނުގައި އަލިފާނުގެ ހަދިސާ ހިނގުމާ ގުޅިގެން ކުޑަކުއްޖަކު ހިމެނޭހެން މިހާތަނަށް 21 މީހުން މަރުވެފައިވާ ކަމަށް މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ އިދާރާއެއްގެ އިސްވެރިޔާ، މުހައްމަދު އަމީން ވަނީ ބުނެފައެވެ.
އެގައުމުގެ ސިންދު ޕްރޮވިންސުގެ ޗީފް މިނިސްޓަރު، މުރާދް އަލީ ޝާހު ބުނެފައިވަނީ މިހާދިސާގައި 70 މީހުން ގެއްލިފައިވާއިރު، 22 މީހަކަށް އެކިވަރުގެ ޒަހަމްތައް ލިބިގެން ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.
މިހާދިސާއާއި ގުޅިގެން އެގައުމުގެ ބޮޑުވަޒީރު، ޝެހެބާޒް ޝަރީފް ވަނީ އެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވާފައެވެ.
މިހާދިސާ ހިނގަން މެދުވެރިވު ސަބަބު އަދި ދެނެގަނެވިފައި ނުވާއިރު، ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.