ކޮވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރް ޓެސްޓިންގެ ހިދުމަތް ފޯރުކޮށްދިން ދެ ކުންފުންޏަކުން ޓެކުހަށް މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކުރެވޭތީ، އެ މައްސަލަ ތަހުގީގުކޮށް ދައުވާކޮށްދިނުމަށް އެދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ.
މީރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ދައުވާކުރުމަށް ފޮނުވާފައިވަނީ ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށްކަމަށެވެ.
މި ދެ ކުންފުންޏަކީ ޕެންޑެމިކްގެ ދުވަސްވަރު ޕީސީއާރް ޓެސްޓިންގެ ޑިމާންޑް ބޮޑުވި ވަގުތު އެންމެ އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކެވެ. ނަމަވެސް، އެ ފަރާތްތަކުން މީރާއަށް ހުށަހަޅާފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި ޓެކްސް ނެގޭ އާމްދަނީ ބޮޑުތަނުން ދަށްކޮށް ރިޕޯޓުކޮށްފައިވާކަން މީރާގެ ތަހުގީގަށް ފާހަގަކުރެވިފައިވާކަމަށް ބުނެފައިވެއެވެ.
ތަހުގީގުން ހާމަވި ގޮތުގައި، އައިލެންޑް ހެލްތް ސޮލިއުޝަންސް އިން ހިންގާ "ޕާލް މެޑިކަލް ސެންޓަރ" މެދުވެރިކޮށް 2020 އިން 2022 އަށް ލިބުނު ފުރިހަމަ އާމްދަނީ ރިޕޯޓުކޮށްފައެއް ނުވެއެވެ. މި ގޮތުން އެ ކުންފުނިން 31.9 މިލިއަން ރުފިޔާގެ އާމްދަނީ ރިޕޯޓުނުކޮށް އޮތްއިރު، އިތުރަށް 4.3 މިލިއަން ރުފިޔާ ޓެކުހުގެ ގޮތުގައި ދައްކަން މީރާއިން ވަނީ އަންގާފައެވެ.
ޕައިނިއަރ މޯލްޑިވްސްގެ މައްސަލައިގައި ފާހަގަވެފައިވަނީ 2020 އާއި 2021 ވަނަ އަހަރު ލިބުނު 102.7 މިލިއަން ރުފިޔާގެ އާމްދަނީ އިންކަމް ޓެކްސް ބަޔާންތަކުގައި ހިމަނާފައި ނުވާ ކަމެވެ. އަދި ދައްކަންޖެހޭ ޓެކްސް ދަށްކުރުމުގެ ނިޔަތުގައި 'ކޮސްޓް އޮފް ސޭލްސް' އާއި އިދާރީ ހަރަދުތަކުގެ ގޮތުގައި ސައްހަ ނޫން އަދަދުތަކެއް އުނިކޮށްފައިވާކަން ވެސް ފާހަގަވެފައިވާކަމަށް މީރާއިން ބުނެފައިވެއެވެ. އެ ކުންފުނިން އިތުރަށް 23.7 މިލިއަން ރުފިޔާ ޓެކުހުގެ ގޮތުގައި ދައްކަން ޖެހެއެވެ.
މި މައްސަލައިގައި ކުންފުނިތަކުގެ އިތުރުން ބައެއް ފަރުދުންގެ މައްޗަށް ދައުވާކޮށްދިނުމަށް ވެސް މީރާއިން ވަނީ އެދިފައެވެ. އޭގެ ތެރޭގައި ދެ ކުންފުނީގެ ޑިރެކްޓަރެއް ކަމަށްވާ ޑރ. އިކްލީލް ޝަރީފް އާއި، އައިލެންޑް ހެލްތްގެ ޑިރެކްޓަރު ޑރ. އަލީ އަބްދުﷲ ލަތީފް ހިމެނެއެވެ. މީގެ އިތުރުން، އެނގިހުރެ ސައްހަ ނޫން މައުލޫމާތު ހިމަނައިގެން މާލީ ހިސާބުތައް ތައްޔާރުކޮށްދިން ކަމުގެ ތުހުމަތުގައި އަލީ ފަޔާޒްގެ މައްޗަށް ދައުވާކުރުމަށް ވެސް ވަނީ ހުށަހަޅާފައެވެ.
މީރާއިން ބުނީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން ޓެކުހަށް މަކަރު ހެދުމަކީ ކުށެއް ކަމަށާއި، "ޓެކްސް ކްރައިމް މިޓިގޭޝަން ސްޓްރެޓެޖީ" އާ އެއްގޮތަށް އެ ފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ. އަދި ޓެކުހާ ގުޅޭ އެއްވެސް އޮޅުވާލުމެއް ފާހަގަކުރެވޭނަމަ މީރާގެ ވެބްސައިޓް މެދުވެރިކޮށް "ވިސުލް ބްލޯ" ކުރުމަށް ވެސް އާންމުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.