މޯލްޑިވްސް މެރިޓައިމް ކޮންފަރެންސްގެ ދެވަނަ ބުރު މި އަހަރުގެ އެޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ހާމަކޮށްފިއެވެ.
އެމްޕީއެލްގެ ރަސްމީ އެކައުންޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މެރިޓައިމް ކޮންފަރެންސްގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުކަމަށެވެ.
މި އަހަރުގެ ކޮންފަރެންސްގެ ޝިއާރަކީ "އަޅުގަނޑުމެންގެ ކަނޑުތަކުގެ ރައްކާތެރިކަން - މުސްތަގުބަލުގެ ސަލާމަތް" މިއެވެ. މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަމާއި، މެރިޓައިމް ދާއިރާގެ ކުރިއެރުމާއި، ދެމެހެއްޓެނިވި ތަރައްގީއާ ގުޅޭގޮތުން ފަންނީ ބޭފުޅުންގެ މެދުގައި މަޝްވަރާކުރުމެވެ.
މި ކޮންފަރެންސަކީ ރާއްޖޭގެ މެރިޓައިމް ދާއިރާ އިތުރު ހަރުފަތަކަށް ގެންދިއުމަށާއި، ކަނޑުދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ބޭއްވޭ މުހިންމު ބައްދަލުވުމެއްކަމަށް ވެސް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.