އަލިރަސްގެފާނު ފަދަ ޢަޒުމު ވަރުގަދަ ދަރީން ކޮންމެ ދިވެހި ޖީލެއްގެ މަޖްދާއި ކަރާމާތް ނަގަހައްޓާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުން އަންނަ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވީ ދިވެހި ޤައުމުގެ ދިފާޢުގައި ހަނގުރާމައިގެ މައިދާނުގައި ޖިހާދު ކުރައްވަނިކޮށް އަލިރަަސްގެފާނު ޝަހީދުވިތާ މިއަދަށް 482 އަހަރު ފުރުނީކަމުގައެވެ.

ހިޖުރައިން 965 ވަނަ އަހަރު ޝަޢުބާންމަހުގެ 1 ވަނަ ދުވަހު ދުޝްމިނުންގެ ކުރިމައްޗަށް ނުކުމެ ވަޑައިގެން އެންމެ ފަހު ނޭވަޔާ ހަމަޔަށް މި ހިތްވަރުގަދަ ޤައުމީ ބަޠަލު ދެއްކެވި ހިތްވަރާއި ފަންވަރުގެ ރޫޙު ތާއަބަދު މި ޤައުމުގައި ދިރިދިރި ހުންނާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޤައުމަށްޓަކައި ޖިހާދު ކުރައްވައި ޝަހީދުވި ފަހުލަވާނުންނާއި، ޤައުމީ ޚިދުމަތުގައި ވާޖިބު އަދާކުރަމުން ދަނިކޮށް ޝަހީދުވި ހިތްވަރުގަދަ ކެރޭ ދަރީންގެ ފަނޑުވުމެއް ނެތް ޒިކުރާވެސް މިއަދު މިއާކުރަނީ ޝުކުރުވެރިކަމާއެކުގައިކަމަށް ރައީސް ވިދާޅުވިއެވެ.

މާތްﷲ ގެ ތަނަވަސް ރަޙްމަތްފުޅާއެކު މިނިވަންކަން މަތީ ދިވެހި ޤައުމު ދެމިއޮންނާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ އަލިރަސްގެފާނުގެ ހިތްވަރުގަދަ ޖިހާދުގެ ހަނދާން އައުކުރައްވައި، ޝަހީދުންގެ ދުވަހުގެ ހެޔޮއެދުންތައް ދިވެހި ލޮބުވެތި ރައްޔިތުންނަށް ފޮނުއްވާފައެވެ.