ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ކެމްޕޭން މެނޭޖަރަކަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހަމަޖައްސައިފި އެވެ.
އެމްޑީޕީން ބުނީ ކެމްޕޭން މެނޭޖަރަކަށް ކުޑޫ އަދި ޑެޕިއުޓީ މެނޭޖަރުންނަށް ހުޅުމާލެ ދާއިރާ ކުރީގެ މަޖިލިސް މެންބަރު އަލީ ނިޔާޒުއާއި ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ހަމަޖައްސާފައިވާ ކަމަށެވެ.
ކައުންސިލް އިންތިހާބުގެ ތަރުޖަމާނަކަށް އެމްޑީޕީން ހަމަޖެއްސީ ދިއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަބްދުﷲ ވަހީދު އެވެ. ތަރުޖަމާނުގެ ނައިބަކަށް ހަމަޖެއްސީ ވިލިނގިލި ދާއިރާގެ ރައީސް އަދި ކުރީގެ ނޫސްްވެރިޔާ ހުސައިން ހަސަން އެވެ.
އެމްޑީޕީން ވަނީ މިދިޔަ ހުކުރު ދުވަހު އެ ޕާޓީގެ ޕްރައިމަރީ ބޭއްވުމަށްފަހު ކައުންސިލް އިންތިހާބުގައި އެ ޕާޓީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުންވެސް ކަނޑައަޅާފަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ މީހުންނަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އެ ފުރުސަތުވެސް ހުޅުވާލާފަ އެވެ.