ޗައިނާގެ އެހީގައި ވިލިމާލޭގައި އަޅާ 100 އެނދުގެ ހޮސްޕިޓަލުގެ ކޮންޓްރެކްޓަރަކު ކަނޑައެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެމިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އެމްބަސީގެ ކައުންސެލާ ޒެންގެ ޒޫ އެވެ. މިނިސްޓްރީން ބުނީ މިއީ ޗައިނާ-މޯލްޑިވްސް ޕްރެންޑްޝިޕް ހޮސްޕިޓަލް" މަޝްރޫއުގެ އިމްޕްލިމެންޓޭޝަން އެއްބަސްވުމެއްކަމުގައެވެ.
ވިލިމާލޭގައި ތަރައްގީކުރާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ސާރވޭއާއި ޑިޒައިން ކުރުމުގެ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރ މަހުއެވެ. މި މަސައްކަތްކޮށްފައިވަނީ ޗައިނާ ނޯތުއީސްޓް އާކިޓެކްޗަރަލް ޑިޒައިން އެންޑް ރިސާޗް އިންސްޓިޓިއުޓް ކޯ ލިމިޓެޑުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންޓް ޓީމަކުންނެވެ. އެޓީމުގެ މަސައްކަތް ޖެނުއަރީ މަހުގެ 15 އާ ހަމައަށް ކުރިޔަށްގެންދާނެކަމަށް އޭރު ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.
ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ވިލިމާލޭގައި ހެދުމަށް ހަމަޖެހިފައިވާ ޖެނެރަލް ހޮސްޕިޓަލް ޤާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން އެ ތަނުގެ ޑީޓެއިލްޑް ޑިޒައިން ހެދުމަށް ލެޓަރ އޮފް އެކްސްޗޭންޖުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރު ޖޫން މަހުގެ ތެރޭގައެވެ.
މިއަދު ސޮއިކުރެވުނު އިމްޕްލިމެންޓޭޝަން އެގްރިމަންޓްގެ ދަށުން ދެން ކުރިއަށްދާނީ ބީލަމުގެ އުސޫލުން މި މަޝްރޫޢުގެ ކޮންޓްރެކްޓަރެއް ކަނޑައެޅުމުގެ މަރުހަލާއެވެ. ލަފާކުރެވޭ ގޮތުގައި، ކޮންޓްރެކްޓަރަކު އައްޔަންކޮށް، މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ތެރޭގައި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެއެވެ.
ގާތްގަނޑަކަށް 12،900 އަކަމީޓަރުގެ ސަރަހައްދެއް ހޮސްޕިޓަލު ސަރަހައްދަށް ނަގާނެއެވެ. އޭގެތެރެއިން ހޮސްޕިޓަލް އަޅާނީ 6000 އަކަމީޓަރުގެ ސަރަހައްދެއްގައެވެ. މި ހޮސްޕިޓަލްގައި 112 އެނދުގެ ކެޕޭސިޓީ ހުންނާނެއެވެ. އެމަޖެންސީ ޑިޕާޓްމަންޓުތަކާއި، ޓެސްޓުކުރެވޭ ފެސިލިޓީތަކާއި، ފަރުވާދޭން ޚާއްސަ ތަންތަނާއި، އައުޓްޕޭޝަންޓް އަދި އިންޕޭޝަންޓު ޚިދުމަތް ދެވޭ ވަސީލަތްތައް ވެސް ގާއިމްކުރާނެއެވެ. މީގެ އިތުރުން އިދާރީ ކަންކަމަށް ޚާއްސަ އޮފީސް ސަރަހައްދެއް ވެސް ހުންނާނެއެވެ.
ވިލިމާލޭގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އިމާރާތްކޮށް ހިދުމަތް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ހޮސްޕިޓަލް އަޅަން ޗައިނާ ސަރުކާރުން ހިލޭ އެހީ ހަމަޖައްސައިދިނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.