ފުޑް އެންޑް ޑްރަގު އޮތޯރިޓީ މެދުވެރިކޮށް ނަގަން ޖެހޭ ހުއްދަތައް ނުނަގައި، ބަރުދަން ލުއި ކުރުމަށާއި މޫނުގެ ހަންގަނޑު ރީތިކޮށް އޮމާންކޮށްދޭ ކަމަށް އިޝްތިހާރުކޮށް ބޭސް ވިއްކަމުންދާ އޮންލައިން ޕޭޖުތަކާއި ފާމަސީތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމްއެފްޑީއޭ އިން ދީފިއެވެ.

ވިޔަފާރީގެ ގޮތުގައި ރާއްޖެއަށް ބޭސް އިމްޕޯޓްކޮށް ވިއްކޭނީ ބޭހާ ބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން އެމްއެފްޑީއޭގައި ބޭސް އިމްޕޯޓްކުރާ އަދި ވިއްކާ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ހުއްދަ ލިބިގެންނެވެ.

އެއޮތޯރިޓީން ބުނީ އިމްޕޯޓްކުރާ ހުރިހާ ބޭހަކީވެސް މިގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށް ރާއްޖެއަށް އިމްޕޯޓްކޮށް ވިއްކުމަށް އޮތޯރިޓީން ހުއްދަ ދީފައިވާ ބޭހުގެ ލިސްޓުގައިވާ ބޭހަކަށް ވާންޖެހޭނެކަމަށެވެ.

ނަމަވެސް މިހާރަކަށް އައިސް ނަގަންޖެހޭ ހުއްދަތައް ނުނަގައި އެކި ކަންކަމުގައި ބޭނުންކުރާ ބޭސް އެތެރެކޮށް ތަފާތު އޮންލައިން ޕޭޖުތަކުގައި އިޝްތިހާރުކޮށް ވިއްކަމުންދާކަން ފާހަގަކުރެވޭކަމަށް އެއޮތޯރިޓީން ބުނެއެވެ.

އެގޮތުން ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކުރުމަށް ބޭނުންކުރާ ސެމަގްލުޓައިޑް އަކީ ހަށިގަނޑުގެ ބަރުދަން ލުއިކުރާ ބޭހެއް ކަމަށާއި ހަމުގެ މައްސަލަތަކުގައި ބޭނުންކުރާ އަޒެލައިކް އެސިޑަކީ މޫނު ރީތިކޮށް އަލިކުރާ ބޭހެއް ކަމަށް ބުނެ، އޮންލައިން ޕޭޖުތަކުގައި އިޝްތިހާރުކޮށް ވިއްކަމުންދާކަން ފާހަގަކުރެވޭ ކަމަށް އެއޮތޯރިޓީން ބުނެއެވެ.

އެ އޮތޯރިޓީން ބުނި ގޮތުގައި އެފަދަ ބޭސްތަކަކީ ކޮންމެހެން ބޭނުންކުރަންޖެހޭ ހާލަތުގައި އެކަމަށް ހާއްސަ ޑޮކްޓަރު ލިޔެދިނުމުން ނޫނީ ބޭނުންކޮށްގެންނުވާނެ ބޭސްތަކެކެވެ. އަދި ފާމަސީތަކުން ވެސް އެފަދަ ބޭސްތައް ދޫކުރެވޭނީ ޑރ. ލިޔެދީފައިވާ ބޭސް ސީޓީއަކަށް ކަމަށާއި ޑޮކްޓަރުގެ ލަފަޔާ ނުލައި އެފަދަ ބޭސްތައް ބޭނުންކުރުމުން ހީނުކުރާ ފަދަ ނުރައްކާތެރިކަމެއް ވެސް ދިމާވެދާނެ ކަމަށް ބުންޏެވެ.

އެހެންކަމުން ހުއްދަ ނުނަގައި ބޭސް އިމްޕޯޓްކޮށް ވިއްކާ އަދި އިޝްތިހާރުކުރާ ފަރާތްތަކަށް ބޭހާ ބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަމުންދާނެ ކަމަށް އެއޮތޯރިޓީން ވަނީ ބުނެފައެވެ.