ފާމަސީތަކަށް ގޮސް ބޭސް ގަންނައިރު އެއީ މޯލްޑިވްސް ފުޑް އެންޑް ޑުރަގު އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ހުއްދަ އޮތް ތަނެއްކަން ކަށަވަރުކުރަން އެ އޮތޯރިޓީން މިއަދު ހަނދާންކޮށްދީފިއެވެ.

އެމްއެފްޑީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ރާއްޖެއަށް ބޭރުން އެތެރެކޮށްގެން ބޭސް ވިއްކޭނީ އެ އޮތޯރިޓީގެ ހުއްދަ ލިބިގެން ކަމަށެވެ. އަދި، ފާމަސީތައް ރަޖިސްޓާކޮށް އެ ތަންތަނުގައި މަސައްކަތްކުރާ ޕްރޮފެޝަނަލުން އެ ތަނުގައި މަސައްކަތްކުރެވޭނީ ވެސް އެމްއެފްޑީއޭގެ ހުއްދަ ހޯދައިގެންނެވެ.

ފާމަސީތަކުގައި މަސައްކަތްކުރާއިރު ފާމަސިސްޓް އައިޑީކާޑު ނެތި މަސައްކަތްކުރުމަކީ މަނާކަމެއްކަން ވެސް އެ އޮތޯރިޓީން ވަނީ ހަނދާންކޮށްދީފައެވެ. އެހެންވެ، ބޭސް ގަންނައިރު އެ ކަންކަމަށް ސަމާލުވާން ވަނީ އިލްތިމާސްކޮށްފައެވެ.

އެ ގޮތުން:

ބޭސް ވިއްކުމުގެ ހުއްދަ ފާމަސީގައި ހަރުކޮށްފައިވޭތޯ ބެލުން

ފާމަސިސްޓެއްކަން އަންގައިދޭ ކާޑު އަޅާފައިހުރިތޯ ޔަގީންކުރުން

ބޭހުގެ މުއްދަތު ހަމަވާ ތާރީޚު ބެލުން

ބޭސް ބޭނުންކުރަންވީ ގޮތުގެ އިރުޝާދު ލިޔެފައިވޭތޯ ބަލައި، ޔަގީންކުރުން

ބޭސް ޕެކްކޮށްފައި ހުރި ރައްކާތެރިކޮށްތޯ ޔަގީންކުރުން

ބޭސް ވިއްކުމުގެ ހުއްދަ ނެތި ހިންގާ ފާމަސީތަކާއި، ހުއްދަ ނެތި ފާމަސީތަކުގައި މަސައްކަތްކުރާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް އެމްއެފްޑީއޭގެ އިއުލާނުގައިވެއެވެ. އެ ފަދަ ކަމެއް ފާހަގަވެއްޖެ ނަމަ 7200321 ނަންބަރަށް ގުޅައި، ރިޕޯޓުކުރަން ވެސް ވަނީ އެދިފައެވެ.

ބޭސް ލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ވަނީ ބޭސް ގެނައުމުގެ ކަންކަން ބެލެހެއްޓުމަށް ވަކި ޚާއްސަ ކުންފުންޏެއް އުފައްދާފައެވެ. އަދި އެކުންފުނީގެ ދަށަށް އެސްޓީއޯގެ ހުރިހާ ބޭސް ފިހާރަތަކެއް ބަދަލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.