އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓަށް މުއްދަތު ހަމަވިއިރު 779 ޝަކުވާ ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.
ވޯޓާސް ލިސްޓް އާންމުކޮށް ޝަކުވާއަށް ހުޅުވާލީ މިމަހުގެ 7 ވަނަ ދުވަހުއެވެ. ޖަނަވަރީ 18 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށެވެ.
އީސީން ބުނީ މުއްދަތު ހަމަވިއިރު 779 ޝަކުވާ ލިބިފައިވާއިރު އޭގެތެރޭގައި ހިމެނެނީ އެޑްރެސް ބަދަލުވެފައިވުމާއި ރަށްވެހިކަން ބަދަލުވުމާއި ނިޔާވެފައިވާތީ، ރަޖިސްޓަރީއިން ނަން އުނިކުރުމުގެ ޝަކުވާކަމަށެވެ.
ޝަކުވާގެ މުއްދަތު ހަމަވިއިރު އިންތިޚާބަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ. އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވަނީ އަންނަ މަހު އެއްވަނަ ދުވަހުގެ 15:30 އަށެވެ.
މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުންނާއި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބުކުރާނެއެވެ. ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރަން ގާނޫނުއަސާސީއަށް މި ފަހުން ގެނައި އިސްލާހާ އެކު 132 ރަށެއްގައި އިންތިޚާބުކުރާނީ ކައުންސިލް ރައީސާއި އަންހެނުންނަށް ޚާއްސަ މެންބަރު ހިމެނޭހެން ޖުމުލަ ތިން ކައުންސިލަރުންނެވެ. އަދި، ކައުންސިލް ރައީސާއި ދެ އަންހެން މެންބަރުން ހިމެނޭހެން ފަސް ކައުންސިލަރުން 46 ރަށަކަށް އިންތިޚާބުކުރާނެއެވެ.
އީސީން ބުނި ގޮތުގައި، އިންތިޚާބަށް ކުރިމަތިލާން އެދޭ ފަރާތްތަކުން އޮންލައިން ޕޯޓަލަށް އީފާސް މެދުވެރިކޮށް ވަދެވޭނެ ކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވަނީ ޖުމްލަ 294,937 މީހުންނަށެވެ. އޭގެތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.