ފަސިންޖަރުންގެ ކަސްޓަމްސް ކްލިއަރެންސްގެ ކަންކަން މިހާރަށްވުރެ އަވަސް، ފަސޭހަ އަދި ހަރަދު ކުޑަ ނިޒާމަކަށް ބަދަލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުން، 1 ޖެނުއަރީ 2026 ގައި އާ "ސިމްޕްލިފައިޑް ޑިކްލަރޭޝަން" ނިޒާމު ރަސްމީކޮށް ތައާރަފުކޮށްފިއެވެ.

މިބަދަލާއިއެކު ފަސިންޖަރުން އަމިއްލަ ތަކެތި އޮންލައިންކޮށް ކުރިއާލާ ޑިކްލެއަރ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ ސަބަބުން ކަސްޓަމްސް ޗެކްޕޮއިންޓްތަކުގައި މަޑުކުރަންޖެހޭ ވަގުތާއި ލިޔެކިޔުންތަކުގެ މަސައްކަތް ވަރަށް ބޮޑަށް މަދުވެގެންދާނެއެވެ.

މި އާ ނިޒާމުގެ ދަށުން، އީ-ފާސް މެދުވެރިކޮށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އޮންލައިން ޕޯޓަލްއަށް ލޮގިންވެ، ފަސިންޖަރުންނަށް ޑިކްލަރޭޝަން ހުށަހެޅޭނެއެވެ. މި ލުއި ފަސޭހަ ނިޒާމަކީ މައިގަނޑު ގޮތެއްގައި ފަސިންޖަރުންގެ އަމިއްލަ ދަބަސްތަކާއި ވިޔަފާރި އުސޫލުން ނޫން ގޮތަށް ގެންނަ ތަކެއްޗަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ނިޒާމެކެވެ.

މީގެ ސަބަބުން ރާއްޖެއަށް އައުމުގެ ކުރިން ނުވަތަ އައުމަށްފަހު ކަސްޓަމްސްގެ ފޯމަލިޓީތައް އެއްވެސް ތަކުލީފަކާ ނުލައި ފުރިހަމަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.ޑިކްލަރޭޝަން ފުރިހަމަކުރުމުގެ މަރުހަލާ ކުރިއަށްދާނީ ޑިޖިޓަލްކޮށެވެ. ފަސިންޖަރުން އެމީހުންގެ އަމިއްލަ މައުލޫމާތާއި، ރާއްޖެއަށް އެތެރެކުރާ ތަކެތީގެ ތަފްސީލު ހުށަހަޅަންޖެހޭނެއެވެ. އަދި ބޭނުންވާ ހާލަތްތަކުގައި އިންވޮއިސް ފަދަ ލިޔެކިޔުންތައް އަޕްލޯޑް ކުރަންޖެހޭނެއެވެ. ޑިކްލަރޭޝަން ރިވިއުކުރުމަށްފަހު، ދައްކަންޖެހޭ އެއްވެސް ޑިއުޓީއެއް އޮތްނަމަ އެކަން އެސް.އެމް.އެސް މެދުވެރިކޮށް އަންގާނެއެވެ. އަދި "ކަސްޓަމްސް ޕޭ" ނުވަތަ ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފައިސާ ދައްކާނެ ގޮތުގެ އިރުޝާދު ލިބޭނެއެވެ.