މަސްޖިދުލް ޔޫސުފުލް ބަރުބަރީ މިސްކިތް ރަމަޟާން މަހުގެ ކުރިން ހުޅުވޭނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން މި މިސްކިތް ބިނާކުރުމަށް ހަވާލުކޮށްފައިވަނީ އަމިއްލަ ފަރާތަކާއެވެ. އަދި އެކަމާއި ގުޅޭ އެއްބަސްވުމުގައި އެ ވުޒާރާއިން ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީމަހުގެ ތެރޭގައެވެ.
ސޯޝިއަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވީ ބަރުބަރީ މިސްކިތުގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެކަމަށެވެ. އަދި އަންނަ ރަމަޟާން މަހުކުރިން އެ މިސްކިތް ހުޅުވާ، ރަމަޟާންމަހު އެތަނުގައި ނަމާދުކުރެވޭނެކަމަށެވެ. 3 ބުރިއަށް އިމާރާތްކުރާ މި މިސްކިތަކީ 1400 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މިސްކިތްތައް ބިނާކުރުމުގެ މަޝްރޫޢުތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަމާދުކުރާނެ ޖާގަ އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި މަސައްކަތުގެ ތެރެއިން މި އަހަރުގެ ތެރޭގައިވެސް ގިނަ މިސްކިތްތަކެއް ހުޅުވުމަށް ވަނީ ނިންމާފައެވެ.